ތިނަދޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ގދ. ތިނަދޫ ހުދުރުވާގެ / ފަޒުލީން މުޙައްމަދު (39އ) އާއި ގދ. ތިނަދޫ،ހުދުރުވާގެ / ޢަޒުލިފު މުޙައްމަދު (30އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި މަހު 21 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ އަޕަރ ސައުތު ޕޮލިހުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ތިނަދޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި،. މި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަޒުލީން މުޙައްމަދު 70 ދުވަހަށް އަދި ޢަޒުލިފު މުޙައްމަދު 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.







