މަސްތުވާތަކެއްޗާއެކު ށ. މިލަންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ށ. މިލަންދޫ، ފަތްތޫރަ / މުޙައްމަދު ރަޝީދު (39އ) މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި މަހު 16 ވަނަ ދުވަހޫ މިލަންދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި އެރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ކަރުދާސްކޮޅު ފެނިފައިވާތީ އޭނާ ހައްޔަރުކޮށްްފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1.84 ގުރާމް ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.







