ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ އިސްލާހާ އެކު ގާނޫނު އަސާސީއަށް ގެނައި އިސްލާހު ދެމިއޮންނަ މުއްދަތުގައި މިހާރު މަޖިލިހުގައި ތިއްބެވި މެމްބަރުންގެ މައްޗަށް އިސްލާހު ހިނގާނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
އޭނާގެ ފަރާތުން ވަކާލާތު ކުރައްވަމުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު މިއަދު ވަނީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާ ފުށުއަރާ ގޮތަށް އަދި ތިން ބާރު ވަކިވާ ގޮތަށް އަސާސްތައް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާ ގޮތަށް ކަމުގައި ފާހަގަކުރައްވާފަ އެވެ. ވުމާ އެކު ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށްދޭން އެދިވަޑައިގެންނެވި އެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
އަލީ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ރައްދު ދައުލަތުން އިއްޔެ ވަނީ ލިޔުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމެވެ. އެ ލިޔުން މިހާރު ވަނީ އަލީއަށް ވެސް ފޮނުވާފަ އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ތިން ކަމެއް ކަނޑައަޅައިދޭން ވަނީ އެދިވަޑައިގެންފަ އެވެ. އެއީ:
- ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް
- ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް
- މިހާރު ތިބި މެމްބަރުންގެ މައްޗަށް އިސްލާހު ހިނގާނެ ކަމަށް







