ވ. ރަކީދޫގައި ސްޓެލްކޯއިން ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުއާ އެކު އެރަށުގައި އިޔާދަކުރަނިވި ހަކަތައިއިން ކަރަންޓު ދިނުމުގެ މަސައްކަތް ކުރި އަރާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. ރަކީދޫގައި މިހާރު ޖަނަރޭޓް ހިންގަނީ އެންމެ ދެގަޑިއިރުއެވެ. ބާކީ ހުރިހާ ވަގުތެއް އިޔާދަކުރުވަނިވި ހަކަތައިންނެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަކީދޫއަށް ކަރަންޓުގެ ޙިދުމަތް މިހާރު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމް ބޭނުން ކޮށްގެން ކަމަށެވެ.
ސޯލާ ފޮޓޯވޮލްޓިކް (ޕީވީ) ސިސްޓަމްތަކާއި ބެޓެރީ އެނާޖީ ސްޓޯރޭޖް ހިމެނޭ ގޮތަށް މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައަކީ ސްޓެލްކޯއިން ފުރިހަމައަށް ފައިސާ ހޯދައިގެން ކުރިއަށް ގެންދާ މުޅިން އައު މަޝްރޫއެކެވެ. މި މަޝްރޫއުއަކީ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތަކާ ދިމާއަށް ރާއްޖެ ދިއުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލީޑަރޝިޕާއި ތަަސައްވުރަށް އަލިއަޅުވާލާ މަޝްރޫއެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.
ތިއޭޑީބީން ފައިސާ ހޯދައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަކީ ކުރީގެ ވެރިކަމުގެ ދަށުން ކުރިއަށް ނުގެންދެވި އޮތް މަޝްރޫޢެއްކަން ސާފުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފަހުމީ ވިދާޅުވި އެވެ. މިހާރު މިއޮތް އިސްނެގުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ހަކަތައިގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ސާބިތުކަމާއެކު ސަރުކާރުން ވައުދުވެފައިވާކަން ދައްކުވައިދޭ، މިނިވަން މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.







