މާލެ: 31°C

ޗައިނާގެ ޝިއާމެން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

February 14, 2024
3 ފަހަރު ބަލާފައި
ޗައިނާގެ ޝިއާމެން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި
ޗައިނާގެ ޝިއާމެން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޗައިނާގެ ޕޯޓް ސިޓީއެއްކަމަށްވާ ފްޖިއާން ޕްރޮވިންސަށް ނިސްބަތްވާ ޝިއާމެން އެއާލައިންގެ ސީދާ ދަތުރުތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފަށައިފިއެވެ.

ޝިއާމެން އެއާލައިނުން ފެށި ޗާޓަރ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 11:05 އެހާއިރުއެވެ. މި ފްލައިޓް ފުޖިއާނުން ވީއައިއޭއަށް ކުރި މި ދަތުރަށް 7 ގަޑިއިރާ 19 މިނެޓް ވަނީ ހޭދަވެފައެވެ. ޝިއާމެން އެއާލައިނުގެ މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް ދިނުމާއި، ބޮޑުބެރުގެ ހަރަކާތެއް ވަނީ ބާއްވާފައެވެ. މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ޗައިނާ އެމްބަސީގެ އިސް ފަރާތްތަކާއި، ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާ އެމްއޭސީއެލްގެ އިތުރުން ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ފުޖިއާން ޕްރޮވިންސުން ޝިއާމެންގެ ދަތުރުތައް ފަށާފައިމިވަނީ ޗައިނީސް އައު އަހަރާ ދިމާކޮށެވެ. މިއަދުގެ ފްލައިޓުން 230 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 60 އިންސައްތަ އިތުރުވެގެންދާނޭކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ވިދާޅުވެފައެވެ. ފުޖިއާނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާއިރު، ދާދިފަހަކުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިފަހުން ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ފުޖިއާން ޕްރޮވިންސަށް ޒިޔާރަތްކޮށް ވައިގެ ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ. [caption id="attachment_97715" align="alignnone" width="1140"] ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅޫގެ ތެރެއިން--[/caption] ފުޖިއާންގެ އާބާދީ 40 މިލިއަނަށްވުރެ މަތީގައި އުޅޭއިރު، އެ ޕްރޮވިންސަކީ ވިޔަފާރީގެ ރޮނގުންވެސް ވަރަށް ފާހަގަކޮށްލެވޭ ތަނެކެވެ. ޗައިނާގެ ބައެއް ސިޓީއަކުން މިހާރުވެސް ރާއްޖެއަށް ސީދާ ފްލައިޓުތައް ބާއްވައެވެ. އޭގެ ތެރޭގައި ބެއިޖިން، ޝަންގްހައި، ޗެންދޫ، އަދި ހެންޒޫ ފާހަގަކޮށްލެވެއެވެ. ކޮވިޑަށްފަހު ޗައިނާއިން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ފްލައިޓުތަކުގެ އަދަދު އިތުރުވަމުން އަންނައިރު، އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. ކޮވިޑަށްފަހު މިމަހުގެ ތެރޭގައި ޗައިނާ ވެފައިވަނީ ރާއްޖޭގެ އެއްވަނަ މާކެޓަށެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 39,205 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޗައިނާއަކީ މީގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެއްވަނަ މާކެޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ