މާލެ: 31°C
ވީއައިއޭގެ މަގުތައް ހެދުމަށް އެމްއޭސީއެލާއި އާރްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވީއައިއޭގެ މަގުތައް ހެދުމަށް އެމްއޭސީއެލާއި އާރްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

March 18, 2024
3 ފަހަރު ބަލާފައި
ވީއައިއޭގެ މަގުތައް ހެދުމަށް އެމްއޭސީއެލާއި އާރްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަނާއި (އާރޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ. އެގޮތުން، މި ރަސްމިއްޔާރުގައި އިބްރާހީމް ޝަރީފް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ޚާހާއްސަ އިންޓަރނަލް ޓީމެއް އޮތްނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެމަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ކަމަށެވެ. އެހެންކަމުން، ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ އާރުޑީސީ ފަދަ މިފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "އެމްއޭސީއެލްއަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއަރޕޯޓެއް ހިންގާބައެއް. މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ އެކްސްޕަރޓީޒް، މޭންޕަވަރ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން." ޝަރީފް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒުހައިރު ވަނީ، އެމްއޭސީއެލްގެ ހީވާގި ވެރިންގެ މަސައްކަތް ފާހަގަކުރައްވާ، އާރުޑީސީގެ ގާބިލްކަން އިތުރުކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އާރުޑީސީގެ ކުރިމަގު ބިނާކުރަމުންދާނީ ސީނިއަރ ލެވެލްގެ ސަރުކާރު ކުންފުނިތަކާއިއެކު މަސައްކަތްކޮށް އިތުރަށް ފުޅާކޮށްގެން ކަމަސް ވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާއި ހަވާލުކުރުމުން ބޭރުކުންފުނިތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެ ރަގަޅަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އާރޑީސީ އަކީ ވެސް އެމްއޭސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެކަމަށް، އެކަމަށް މިމަސައްކަތްކުރަނީ." ޒުހައިރު ވިދާޅުވިއެވެ. އޭގެ އިތުރުން، ޒުހައިރު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރައްޖޭގެ ތަރައްގީއަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީތެރިކަން އާރޑީސީއިން ދެމުންގެންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ. މި ފަހުމުނާމާގެ ދަށުން އެއަރޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސަރފޭސް ކުރުމުގެ މަސައްކަތް އާރްޑީސީ އިން ކުރާނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއިއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގ ދެމުމުގެ މަސައްކަތްވެސް އެކުންފުނިން ކުރިއަށް ގެންދާނެއެވެ. އަދި މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާއި އެއްގޮތައް އެއަރޕޯޓުގެ އާންމު ތަންތަނާއި، ހިނގާރިތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް އާރްޑިސީން ކުރިއަށް ގެންދާނެއެވެ. މިއީ، ވީއައިއޭ ބޭނުންކުރައްވާ ދަތުރުވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފަސޭހައާއި، ސަލާމަތާއި ރައްކާތެރިކަމަށް އެމްއޭސީއެލުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތްތަކެކެވެ. މި މަސައްކަތާއިއެކު، ވީއައިއޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި މަގު ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ އެތަށްގުނައެއް ފަސޭހަވެގެން ދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ