މާލެ: 31°C

އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުއެއް ހިންގަނީ

March 29, 2024
2 ފަހަރު ބަލާފައި
އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުއެއް ހިންގަނީ
އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުއެއް ހިންގަނީ
ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށް ސަރުކާރު ނިންމާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުއެއް ހިންގުމަށް އެސްޓީއޯއިން، ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް ވެވުނު އެއްބަސްވުމެކެވެ. އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އެވެ. ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ. ސޮއިކުރެވުނު މި އެއްބަސްވުމުގެ މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ. އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވްސް އިންޑަރސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުން ވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމަކަށް ކަމަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެއެވެ. ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވާކަމަށާއި، ތާރީޚީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުން ކަމަށްވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެއްކަމަށާއި، އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކުރެވޭނެ ހާއްސަ ސަރަހައްދަކަށް ވާނޭކަމަށްވެސް ސަރުކާރުން ބުނެއެވެ. ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން:
  • ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ހިމެނޭ.
  • މި މަޝްރޫއާއެކު ރާއްޖޭގައި ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސްއެއް, އެގްރިކަލްޗަރަލް ޓަލެންޓް ޓްރެއިނިން ބޭސްއެއް, އަދި އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް, ލޮޖިސްޓިކްސް, ޑިސްޓްރިބިއުޝަން ސެންޓަރެއްވެސް ގާއިމްކުރެވިގެންދާނެ.
  • އީޒެޑް ތަރައްގީކުރުމަކީ ވަޒީފާގެ ފުރުޞަތުތައް އުފެދި، ވިޔަފާރިވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ޖުމްލަ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭނެ.
ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އަކީ މަގު، ބްރިޖް، ރޭލްވޭ، އަދި އެއާޕޯޓް، ހެދުމުގެ އިތުރުން މެރިން އިންޖިނިއަރިން، ޑްރެޖިން، އަދި ރިކްލެމޭޝަން ފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތަޖުރިބާ ލިބިފައިވާ ގްލޯބަލް އިންޖިނިއަރިން ކޮންޓްރެކްޓަރެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ