މާލެ: 31°C

ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި ޕާކިސްތާނު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮއްފި

November 1, 2022
2 ފަހަރު ބަލާފައި
ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި ޕާކިސްތާނު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮއްފި
ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި ޕާކިސްތާނު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮއްފި
ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި ޕާކިސްތާނު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ދިޔައީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަޤާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ސިއްޙީ ދާއިރާއިންނާއި، ޢިޤްތިޞާދީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ޕާކިސްތާނުގެ ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެ މަޢުލޫމާތު ހިއްޞާކުރައްވައި، ދިވެހި ސަރުކާރުން ފާޅުކުރެއްވި އިޚްލާސްތެރި ޝުއޫރުތަކަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާން ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ