ވިޔަފާރި ބަނދަރުތަކަކީ ޤައުމެއްގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަ: ރައީސުލްޖުމްހޫރިއްޔާ

ވިޔަފާރި ބަނދަރުތަކަކީ ޤައުމެއްގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަ: ރައީސުލްޖުމްހޫރިއްޔާ
ލިޔުން:
ވިޔަފާރި ބަނދަރުތަކަކީ ޤައުމެއްގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކުގެ މައިބަދަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 36 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހެންވޭރު ބޯޅަދަނޑުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ވިޔަފާރި ބަނދަރު ތަރައްޤީކޮށް އިޤްތިޞާދީ ދުވެލި ބާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކުޅުދުއްފުއްޓާއި ހިތަދޫގައި ތަރައްޤީކުރަމުންދާ ބަނދަރު ނިމުމުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާވެ، ރަށްރަށުގެ ވިޔަފާރިއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެކަން ފާހަގަކުރައްވާފައެވެ. އަދި ގދ. ތިނަދޫގައިވެސް ސަރަޙައްދީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެރިރަށް މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަފްޞީލުކޮށް އެމަނިކުފާނު ވިދާޅުވެދެއްވެވިއެވެ. އެގޮތުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ގުޅިފަޅުގައި ބަނދަރަށްބޭނުންވާ ބިމުގެ އެއްބައި ހިއްކާނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
"ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުން، ބަނދަރުގެ ޙަރަކާތްތައް ހަލުވިވެ، ޚިދުމަތްތައް އަވަސްވެގެންދާނެ. އަދި މާލެ ސަރަޙައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރެވޭނެ. އަޅުގަނޑުމެން ގުޅިފަޅުގައި ބަނދަރު ތަރައްޤީކުރަނީ، މާލޭ ވިޔަފާރި ބަނދަރާއި، މާލޭ އުތުރު ބަނދަރާއި މާލޭގެ ދެކުނު ބަނދަރުގެ ޙަރަކާތްތަކަށްވެސް ޖާގަ ލިބޭ ވަރަށް" އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަފުށީގައި މިހާރު ތަރައްޤީކުރަމުން އަންނަ ބަލްކު ޓާމިނަލް، މަޝްރޫޢު ނިމުމުން މިހާތަނަށް މާލޭގެ ވިޔަފާރި ބަނދަރުން ނުދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލް އިން ތައްޔާރުވަމުންދާކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލަޔާއި ހިލަވެލި އެތެރެކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ވެސް އަދި ޢާންމުންނަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މިގެ އިތުރުންވެސް މި ބަނދަރުތައް ތަރައްޤީކުރުމުން ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ޞިނާޢީ ބޮޑެތި ޙަރަކާތްތައް މަދުވާނެކަމަށާއި، މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެން ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ގޮތްވެގެންދާނެކަމަށެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ އެމް.ޕީ.އެލްގެ މުވައްޒަފުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. އެގޮތުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަރައްޤީކުރާ ފްލެޓްތަކުގެ އަގާ މެދު މުވައްޒަފުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަންފާހަގަކުރައްވާ އެކަމާގުޅިގެން އެމަނިކުފާނު ވަނީ ކުންފުނީގެ ވެރިންނާ އެމަނިކުފާނު މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު އުންމީދު ކުރައްވާ ގޮތުގައި ކުންފުނީގެ ބޯޑުން މިހާރު ނިންމާފައިވާ ނިންމުމުން، އެމް.ޕީ.އެލްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ވިޔަފާރި ބަނދަރުގެ ތަރައްޤީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ހަލުވިވެ، އަދި ދިވެހިންގެ އަތްމަތި ތަނަވަސްވެ، ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިވެގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ލޯންގް ސަރވިސް އެވޯޑްސް" އެމް.ޕީ.އެލްގެ 12 މުވައްޒަފަކަށް ޙަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އެމް.ޕީ.އެލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޕޯޓްގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕޯޓް ކޮމިއުނިޓީ ފަންޑް އިފްތިތާޙްކުރުމާއި، ޖޮބް ޕޯޓަލް، ސްޓާފް މޯބައިލް އެޕްލިކޭޝަން އިފްތިތާޙްކުރުމާއި، ސްކޮލަރޝިޕް ޙަވާލުކުރުން ކުރިއަށްދިޔައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
