މާލެ: 31°C

އެސްއެމްއީ ހަބުގެ ކިއޮސްކުތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި

March 10, 2024
2 ފަހަރު ބަލާފައި
އެސްއެމްއީ ހަބުގެ ކިއޮސްކުތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި
އެސްއެމްއީ ހަބުގެ ކިއޮސްކުތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި
އެސްއެމްއީ ހަބުގެ ކިއޮސްކުތަކުން ނަގާ ކުލި، މި ރަމަޟާން މަހު 50 އިންސައްތަ ކުޑަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ނިންމައިފިއެވެ. ބީސީސީން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ހަބުގައި ތަކެތި ވިއްކުމަށް ދޫކޮށްފައިވާ ކިއޮސްކުތަކުގެ ކުލި ކުޑަކުރުމަށް ނިންމާފައިވަނީ އެ ވިޔަފާރިތަކަށް ރަމަޟާން މަހު ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ މަޤްޞަދުގައެވެ. އަދި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ. އެސްއެމްއީ ހަބުގައި ތަފާތު ދިވެހި އުފެއްދުންތަކާއި އެކި ކަހަލަ ކާބޯތަކެތި ވިއްކުމަށް ޚާއްޞަ 30 ކިއޮސްކު ހުރެއެވެ. ރަމަޟާން މަހު ކިއޮސްކުތަކުގެ ކުލި 50 އިންސައްތަ ކުޑަ ކުރުމާއެކު، މިހާރު އެންމެ ބޮޑުކޮށް ކުލި ދައްކަންޖެހޭ ކިއޮސްކު ތަކަށް ދައްކަންޖެހޭނީ 4,960ރ އެވެ. އަދި އެންމެ ކުޑަ ކުއްޔަކަށް ވާނީ 3375ރއެވެ. އެސްއެމްއީ ހަބަކީ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާކެޓް އެކްސެސް ހޯދައިދީ، ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެދިނުންމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ޤާއިމްކޮށްފައިވާ ހަބެކެވެ. އެސްއެމްއީ ހަބުން ކިއޮސްކު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ވެއިޓްލިސްޓް ކުރުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ. ކިއޮސްކުތައް ދޫކުރަމުންދަނީ ވެއިޓްލިސްޓް ކުރާ ތަރުތީބުންނެވެ. ބީސީސީގެ އަމަޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް ދެނެގަނެ އެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ