ރާއްޖޭގައި ބާޒާރު ކުރުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް މިރޭ އަންނާނެ އެވެ. އެއީ ބާޒާރު ކުރުމުގައި ދިމާވާ ގިނަ ދަތިތަކަށް ހައްލެއް ލިބި، ކަސްޓަމަރުން އެކަމަށް ކުރި އިންތިޒާރު ނިމުމަކަށް އަންނާތީ އެވެ. ކަސްޓަމަރުންނަށް ކަމުދާނެ، ޒަމާނީ ގިނަ ސިފަތަކާއި، ބޮޑެތި ލުއިތަކާ އެކު ސަމަންގެ ސުޕަމާކެޓު މިރޭ ހުޅުމާލޭގައި ހުޅުވާނެ އެވެ.
ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ހުޅުވާ މި ސުޕަމާކެޓް ހުންނަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ވިނަރެސް ޓަވަރު 3ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.
ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ސުޕަ މާކެޓް ހުޅުވުން ފާހަގަކުރަން މިރޭ ބާއްވަން ހަމަޖެއްސި ހަވާ އެރުވުމާއި މިއުޒިކް ޝޯ، މޫސުން ގޯސްވުމުން ވަނީ ފަސްކޮށްފައެވެ.
ސުޕަމާކެޓު ހުޅުވުން ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ރާއްޖޭގެ މަގުބޫލު ތިން މިއުޒިކް ބޭންޑް ކަމަށްވާ ސްކައިރޮކް އާއި ޑިޓިއުން ބޭންޑް އަދި ރެވިއޯ ބައިވެރިވާ މިއުޒިކް ޝޯއަކާ އެކު ހަވާ އަރުވަން ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް، ސަމަންއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށެވެ.
މި ސުޕަމާކެޓުން އަމާޒު ހިފަނީ އާންމުންނަށް، ކުރާ ހިތުން ބާޒާރު ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި ސުޕަމާކެޓުގެ ހުރިހާ ސިފަތަކެއް ބިނާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ. އެއީ ޗީޕް، ޗޮއިސަސް އަދި ކޮންވީނިއެންޓް އެވެ. ނުވަތަ އަގުހެޔޮކޮށް، ވީހާ ވެސް ގިނަ ބާވަތްތަކުގެ މުދާ ހިތްހަމަޖެހޭ މާހައުލެއްގައި ފަސޭހައިން ގަނެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
އެގޮތުން، މި ސުޕަމާކެޓުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ ތަފާތު ވައްތަރުގެ، އެކި ބްރޭންޑްތަކުގެ ކާބޯތަކެތީގެ ގިނަ ބާވަތްތަކަށެވެ. ފުރަތަމަ ފަންގިފިލާގައި ވަނީ ޕާސަނަލް ކެއާ، ކިޗަން އެކްސެސަރީސް، ހޯމް ޑެކޯ، ކްލީނިން ޕްރޮޑަކްޓްސް، އެރޯމާ ތެރަޕީ ޕްޜޮޑަކްޓްސް، ލިނެން އަދި ކުޑަކުދިން ކުޅޭ ސާމާނާއި އުފަންދުވަސް އަދި ވެޑިން ފަދަ މުނާސަބަތު ފާހަގަކުރަން ބޭނުންކުރާނެ ސާމާނެވެ.
މި ސުޕަމާކެޓުގެ ލޭއައުޓާއި ސެޓަޕް ބައްޓަންކޮށްފައިވަނީ ތޮއްނުޖެހި، ހަމަޖެހިލައިގެން ކަސްޓަމަރުންނަށް ބާޒާރުކޮށްލެވޭ ގޮތަށް، ޖާގަ ތަނަވަސްކޮށެވެ. ބާޒާރުކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމުގެ އަމާޒުގައި ސަމަން ހުޅުވާ މި ސުޕަމާކެޓުގެ އަޖުމަ ބަލާލައި، ތަޖުރިބާކޮށްލަން އެ ކުންފުނިން އާންމުންނަށް ދައުވަތު އަރުވަ އެވެ.







