ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ޞަޙާބާ ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ޢުމްރާއަށް ދާ ހުރިހާ ފަރާތްތައް އުމްރާ އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެކުންފުނީގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ގުރޫޕުގެ ޙަވާލުގައި ޢުމްރާއަށް ދާ ހުރިހާ ފަރާތްތަކަށް ޢުމްރާ ތަކާފުލް އިންޝުއަރެންސް މުޅިން ހިލޭ ދިނުމަށް އެ ކުންފުނީގެ މެނޭޖްމެންޓުން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް ދިމާވެދާނެ ކުއްލި ހާދިސާ ތަކާއި އެކިއެކި ކަންކަމުން އެ ފަރާތްތައް ރައްކާތެރިކޮށްދިނުމުގެ މަޤްޞަދުގައި ޢުމްރާވެރިންގެ އަތުން އިތުރު އަގެއް ނެގުމަކާ ނުލައި ދިނުމަށް ހަމަޖެހިފައިވާ ޚިދްމަތެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެކުންފުނިން ބުނީ ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން ޢުމްރާ އިންޝުއަރެންސްގެ ޚިދްމަތް ފޯރުކޮށްދިން ނަމަވެސް އެ ޚިދްމަތަކީ ޢުމްރާވެރިންނަށް ކިހާ މުހިއްމު ޚިދްމަތެއްކަން އަންގައިދިނުމަށް ގިނަ ޢުމްރާ ކުންފުނިތަކުން މަސައްކަތް ނުކުރާ ކަމަށާއި، އެ ސަބަބާހުރެ އަމިއްލައަށް އިންޝުއަރެންސްގެ ޚިދްމަތް ހޯދުމަކީ ގިނަ ޢުމްރާވެރިން އެހާބޮޑަށް ސަމާލުކަންދޭ ކަމެއް ނޫންކަމަށެވެ. އަދި ޢުމްރާ އިންޝުއަރެންސްގެ ޚިދްމަތް ނުހޯއްދަވާ ފަރާތްތަކުން ޢުމްރާގެ އަޅުކަމުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި ދިމާވާ ކަންކަމުގެ ގެއްލުން ޢުމްރާވެރިންނަށް ވަރަށްބޮޑަށް ކުރާކަން ފާހަގަކުރެވޭކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
މީގެ ކުރިން ޙައްޖު ކޯޕަރޭޝަނާއި، އަމިއްލަ އެކިއެކި ގުރޫޕުތަކުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތްތަކަކުން އިސްވެ އުފައްދާފައިވާ ޞަޙާބާ ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ވާހަކަދެއްކެވި އެ ކުންފުނީގެ ސީއީއޯ ޑރ އަޙްމަދު އަސްލަމް ޢަބްދުﷲ ވިދާޅުވީ، އުއްމީދަކީ އެ ކުންފުނިން ނިންމާފައިވާ މި ނިންމުމާއެކު އެ ކުންފުނީގެ ޙަވާލުގައި ވަޑައިގަންނަވާ ފަރާތްތަކަށް ލިބިގެންދާ ފަސޭހަތަކުގެ ވާހަކަ އާއިލާތަކަށާއި ގާތް ރަޙްމަތްތެރިންނަށް ކިޔައިދީ މި ޚިދްމަތަކީ ހުރިހާ ޢުމްރާވެރިންނަށް ލިބިގެންދާ ޚިދްމަތަކަށް ވެގެންދިޔުން ކަމަށެވެ. އަދި ދިވެހި ޢުމްރާވެރިންނަށް ޙައްޤު މިންވަރަކީ ޞިއްޙީ ފަރުވާއެއް ހޯދަންޖެހޭ ވަގުތު އަމިއްލަ ޖީބުން ހުރިހާ ޚަރަދެއް ކުރަންޖެހުން ނޫންކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މީގެ ކުރިން އެ ގުރޫޕުގެ ޙިއްސާދާރުން ބައިވެރިވެފައިވާ ހައްޖު އަދި ޢުމްރާ ދަތުރުތަކުގެ ތަޖްރިބާއަށް ބަލާއިރު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާ ޢުމްރާވެރިއެއްނަމަ ދިމާވާ ޞިއްޙީ ކަންކަމަށާއި އިތުރު ކަންކަމަށްވެސް ވަރަށްބޮޑު ލުޔެއް ލިބިގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެސަބަބަށްޓަކައި ވަކިވަކި ޢުމްރާވެރިން އިންޝުއަރެންސް ސްކީމުގައި ބައިވެރިވުމަށް އިރުޝާދު ދިނުމުގެ ބަދަލުގައި ކުންފުނިން ކުރާ ޚަރަދެއްގެ ގޮތުގައި އެ ޚިދްމަތް ފޯރުކޮށްދިނުމަށް ނިންމީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އިންޝުއަރެންސް ސްކީމުގައި ޢުމްރާވެރިން ބައިވެރިކުރުމަށް ނިންމުމުން، ޢުމްރާއަށް ނަގާ އަގު އެހެން ކުންފުނިތަކަށްވުރެ ބޮޑުވާނެތޯ ސުވާލުކުރުމުން އަސްލަމް ވިދާޅުވީ އެ ޚިދްމަތް ފޯރުކޮށްދިންނަމަވެސް މާކެޓްގައި މިހާރު ޢުމްރާގެ އަގުތަށް ހުރި މިންވަރާ ބަލާއިރު ބޮޑުތަނުން އަގު ހެޔޮވާނެ ކަމަށާއި، އެގޮތުން އެ ކުންފުނީގެ ފުރަތަމަ ދަތުރުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 29000 ރުފިޔާ ކަމަށާއި، ޖުލައިގެ ސްކޫލް ޗުއްޓީގައި ކުރާ އެ ދަތުރުގެ އަގު ބޮޑުކަމަށް ފެންނަނީ އެހެން ކުންފުނިތަކުން އަގުގެ ތެރޭގައި ނުހިމަނާ ދަތުރެއްކަމަށްވާ ހައިސްޕީޑް ރޭލުގައި މަދީނާއަށް ކުރާ ދަތުރުގެ ޚަރަދުތައްވެސް ހިމަނާފައިވާތީކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ އެހެން ގުރޫޕުތަކުން ޢުމްރާއަށް ގެންގޮސްދޭ އަގުގެ ތެރެއަށް ޞަޙާބާ ކުންފުނިން އިތުރަށް ފޯރުކޮށްދޭ ޚިދްމަތްތަކުގެ އަގުތައް އެއްކޮށްލައިފިނަމަ ފޯރުކޮށްދޭ ޚިދްމަތާ އަޅާބަލާއިރު އެ ކުންފުނީގެ އަގުތައް ވަރަށް ބޮޑަށް ކުޑަކަން ފާހަގަކުރެވޭނެކަމަށާއި، ޖުމްލަ އަގު ބޮޑުކަމަށް ފެނުނުކަމަށްވިޔަސް ޕެކޭޖްގެ އަގުގެ ތެރޭގައި އެ ޚިދްމަތްތައް ހިމަނާފައިވަނީ އެއީ ދިވެހި ޢުމްރާވެރިންނަށް ލިބެންޖެހޭ ޚިދްމަތްތަކުގެ ގޮތުގައި އެ ގުރޫޕުން ދެކޭތީ ކަމަށެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ކޮލިޓީ ޚިދްމަތެއް ފޯރުކޮށްދިނުން. ބަހުގައި މަދީނާގެ ދަތުރުކުރުމަކީ ރޭލުގައި ކުރުމަށްވުރެ ކުންފުންޏަށް ފައިދާބޮޑު ގޮތެއް. އެހެންނަމަވެސް ކުންފުންޏަށް ފައިދާތަކެއް ލިބުނަސް އަޅުގަނޑުމެންގެ މަންމައާއި ބައްޕަ ވަރުގެ ޢުމުރުން ދުވަސްވީ ފަރާތްތައް ބަހުގައި 8 ގަޑިއިރު ނުވަތަ 9 ގަޑިއިރުގެ ދަތުރެއް ނިންމާލާއިރު އެ އުފުލާ ތަކްލީފަކީ ޢުމްރާ ގުރޫޕުތަކުން އެ ފަރާތްތަކަށް ޖައްސަންޖެހޭ ތަކްލީފެއްކަމަށް އަޅުގަނޑުމެންނަށް ހަމަ އެއްވެސް މިންވަރަކަށް ޤަބޫލެއް ނުކުރެވޭ." ޑރ އަސްލަމް ވިދާޅުވިއެވެ.
ޞަޙާބާ ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ބުނީ އެ ގުރޫޕުން މަސައްކަތް ކުރާނީ ދިވެހިރާއްޖޭގައި ޢުމްރާގެ ޚިދްމަތް ދެމުން އައި ގޮތް ބަދަލުކޮށްލައި ޒަމާނީ ވަޞީލަތްތަކާއެކު ލިބެން ހުރި ހުރިހާ ފަސޭހަތަކެއްގެ ބޭނުން ހިފައިގެން ދަތުރުތައް ރޭވުމަކީ އަމާޒެއްގެ ގޮތުގައި ބަލައިގެން ކަމަށާއި، އެގޮތުން ކުރިޔަށް އޮތް ތަނުގައި އެކުންފުނިން ދޭ ޚިދްމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރާނެކަމަށްވެސް އެކުންފުނިން މަޢުލޫމާތު ދެއެވެ.







