މާލެ: 31°C

ރީބްރޭންޑް ކުރިތާ އަހަރެއް ނުވަނީސް، އެމްޓީޑީސީގެ ވެބްސައިޓް އަނެއްކާވެސް ބަދަލުކުރަނީ

January 18, 2024
3 ފަހަރު ބަލާފައި
ރީބްރޭންޑް ކުރިތާ އަހަރެއް ނުވަނީސް، އެމްޓީޑީސީގެ ވެބްސައިޓް އަނެއްކާވެސް ބަދަލުކުރަނީ
ރީބްރޭންޑް ކުރިތާ އަހަރެއް ނުވަނީސް، އެމްޓީޑީސީގެ ވެބްސައިޓް އަނެއްކާވެސް ބަދަލުކުރަނީ
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ވެބްސައިޓް ރީ ބްރޭންޑް ކުރިތާ އަހަރެއް ނުވަނީވެސް، އަނެއްކާވެސް އެކުންފުނީގެ ވެބްސައިޓް އަލަށް ފަރުމާކުރުމަށް ނިންމައިފިއެވެ. އެމްޓީޑީސީން ވަނީ އެ ކުންފުނީގެ ވެބްސައިޓް ފަރުމާކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާނުކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެކަން ހުށަހެޅުމަށް އެދިފައެވެ. އެމްޓީޑީސީގެ ވެބްސައިޓް އަލުން ފަރުމާކުރުމަށް ނިންމާފައިވާއިރު، އެމްޓީޑީސީއަށް 15 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ކުރުނބާ މޯލްޑިވްސްގައި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކުންފުނީގެ އައު ލޯގޯ އާއި އައު ވެބްސައިޓް ލޯންޗުކޮށްފައެވެ. އެމްޓީޑީސީން އެކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކުރުމަށް ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ. އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމުގެ ގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރުމަށް ސަރުކާރުން 9 ރަށެއް ދިންއިރު، މީގެ ތެރެއިން މިހާރު އެމްޓީޑީސީއަށް ނަފާވަނީ އެންމެ ދެ ރިސޯޓުންނެވެ. އެއީ އަނަންތަރާ ކިހަވަށް ވިލާސް އާއި އަޔާޑާ މޯލްޑިވްސް އެވެ. އެމްޓީޑީން ކުރިއަށްގެންދިޔަ ޓޫރިޒަމް ޕްރޮޖެކްޓްގެ ތެރެއިން ހެރެތެރެ ރިސޯޓް އަދި ހއ އުލިގަމްގައި ތަރައްޤީކުރަންފެށި ސިޓީ ހޮޓާ މަޝްރޫއު އިން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައިރު، މިހާރު އެކުންފުނީގެ އެންމެ ބޮޑު އުއްމީދަކީ ހދ އަތޮޅުގައި ތަރައްޤީކުރަމުންދާ ނާގޯށި ރިސޯޓެވެ. އެ ރިސޯޓަކީ 230 އެނދުގެ ރިސޯޓެކެވެ. އެމްޓީޑީސީ ވުޖޫދަށް އައިތާ 17 އަހަރުވެފައިވާއިރު، ފަތުރުވެރިކަމުން ލިބެންޖެހޭ ހަގީގީ މަންފާ އަދި މިހާތަނަށް އެކުންފުނިން ލިބެމުން ނުދާކަމަށް އާއްމު ހިއްސާދާރުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާގައި ފާހަގަކުރެއެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ