ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ވަރަށް މުހިންމު: ރައީސް

ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ވަރަށް މުހިންމު: ރައީސް
ލިޔުން:
ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެ ދާއިރާ ކުރިއަރައިދިއުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ" ގައި ތަޤްރީރު ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މި ސަރުކާރުގެ ތަރައްޤީގެ ފަލްސަފާއަކީ ގުޅުންތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމާއި އަދި ނަތީޖާ ނެރެދިނުމަށް އަމާޒުހިފާފައިވާ ފަލްސަފާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓުތަކަށް ފަހި ކަންތައްތަކެއް ހިމެނޭހެން ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުތަކުގެ ވިއުގަތައް އަލުން ހިނގައިގަންނަ ގޮތް ހަމަޖައްސަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އިންވެސްޓްމަންޓްތަކާ ގުޅޭ މުޢާހަދާތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ އަދި އިންވެސްޓްމަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމުގައި މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، އިންވެސްޓް ކުރާ ފަރާތްތަކަށް އެ އިންވެސްޓްމަންޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އަދި ޕްރޮކިއުމަންޓުގެ ކަންކަން ދެފުށްފެންނަހެން ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.
ތަރައްޤީވަމުން އަންނަ ކުޑަ ޤައުމެއްގެ ގޮތުންނާއި ކުރިއަރަމުން އަންނަ އިޤުތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އެތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާވާފައިވާ މުހިންމު އިންވެސްޓްމަންޓުތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ހުރި މާލީ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މި ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް އެކަންކަމާ ކުރިމަތިލައި ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މަސައްކަތްކުރައްވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވަނީ މުސްތަޤުބަލުގައި އިޤުތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި އިޤުތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކުވެރި ޢަރަބި އިމާރާތުގެ ގިނަ އިންވެސްޓަރުން އެ ފޯރަމްގައި ތިބިކަން ފާހަގަކުރައްވައި، އެކުވެރި ޢަރަބި އިމާރާތާއި ދިވެހިރާއްޖެއަކީ ގުޅިގެން މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.
އަދި އެޤައުމުގެ ތަޖުރިބާގެ އަލީގައި ރާއްޖެއިން ކުރިއަށްދިއުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އަދި އެކުވެރި ޢަރަބި އިމާރާތަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ އެއް ޤައުމުކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި ބައި ބިލިއަން ޑޮލަރަށް އަރާކަމާއި އަދި 2023 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ އިމްޕޯޓުގެ 12 އިންސައްތަ ހިއްސާކުރަނީވެސް އެޤައުމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެކުވެރި ޢަރަބި އިމާރާތަށް ކުރައްވާ މި ދަތުރުފުޅަކީ އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
