މާލެ: 31°C
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުފެށުނު

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުފެށުނު

May 8, 2024
2 ފަހަރު ބަލާފައި
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުފެށުނު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރު، ކޯރަމް ހަމަ ނުވުމުން ޖަލްސާ ނުފެށި ދިގުލައިގެން ގޮސްފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ތާވަލުކޮށްފައިވަނީ 09:00 އަށެވެ. ނަމަވެސް، 9:30 ވެގެންދިޔައިރު ވެސް ޖަލްސާ ފަށަން ގާނޫނު އަސާސީން ލާޒިމުކުރާ ކޯރަމް ހަމަވެފައެއް ނުވެއެވެ. އެހެންވެ، ޖަލްސާ ފެށޭތޯ އަލުން 10:00 ގައި މަސައްކަތް ކުރައްވާނެ ކަމަށާއި އެވަގުތު ވެސް ކޯރަމް ހަމަނުވެއްޖެ ނަމަ ޖަލްސާ ނިންމަވައިލައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

"ބައެއް އިއްޒަތްތެރި މެންބަރުން ބޭރުގައި އެބަތިބި ކަމަށްވޭ. އެހެންކަމުން އަޅުގަނޑު 10 ޖަހާއިރު ކޯރަމް ހަމަވޭތޯ ބެލުމަށް ފަހު ދެން ޖަލްސާ ނިންމާލާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނު އަސާސީ ބަޔާންކުރާ ގޮތުގައި 87 މެންބަރުން ތިބޭ މިދައުރުގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނީ މަދުވެގެން 22 މެންބަރުން ހާޒިރުވެގެންނެވެ. މިދައުރު ނިމުމުގެ ކުރިން މަޖިލީހުގައި ނިންމަންޖެހޭ މަސައްކަތްތައް ހުރިއިރު، މެންބަރުން ވަޒީރުންނާ ކުރަން ހުށަހަޅާފައިވާ 21 ސުވާލެއް ޖަވާބު ނުލިބި އޮތް ކަމަށާއި މަޖިލީހަށް ހުށަހަޅާފައިވާ 322 ޝަކުވާގެ ސިޓީއަކަށް ވެސް ޖަވާބު ނުދެވި އެބައޮތް ކަމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ ހޯމަ ދުވަހުއެވެ. އެގޮތުން، މަޖިލީހުގެ އިދާރާއިން ވަނީ އޭގެ ކުރިއަށް އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހަށް ވެސް ޖަލްސާ އެޖެންޑާކޮށްގެން މަސައްކަތްތައް ނިންމަން ހުރަހެއް ނެތް ކަމަށް ބުނެފައެވެ. އާ މަޖިލީހަށް އިންތިހާބުވި ޖުމްލަ 93 މެންބަރުންގެ ހުވާ ކުރުން އޮތީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ