މާލެ: 31°C

މޯލްޑިވިއަނުން އަނެއްކާވެސް ކޮޅުނބަށް ދަތުރުތައް ފަށަނީ

February 29, 2024
2 ފަހަރު ބަލާފައި
މޯލްޑިވިއަނުން އަނެއްކާވެސް ކޮޅުނބަށް ދަތުރުތައް ފަށަނީ
މޯލްޑިވިއަނުން އަނެއްކާވެސް ކޮޅުނބަށް ދަތުރުތައް ފަށަނީ
ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަނެއްކާވެސް އަވައްޓެރި ސްރީލަންކާގެ ކޮޅުނބަށް ދަތުރުތަށް ފެށުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ވަނީ ކޮޅުނބަށް ދަތުރުތައް ބޭއްވުމަށް ނިންމައި، މިއަދުން ފެށިގެން ޓިކެޓް ބުކިންއަށްވެސް ހުޅުވާލާފައެވެ. މޯލްޑިވިއަނުން ކޮޅުނބަށް ދަތުރުތައް ފެށުމަށް ތާވަލްކޮށްފައިވަނީ އޭޕްރިލްމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މޯލްޑިވިއަނުން ހަފްތާއަކު ދެ ދުވަހު ކޮޅުނބަށް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާއިރު، ދެކޮޅު ޓިކެޓްގެ އަގަކީ 222 ޑޮލަރެވެ. މިއީ ދިވެހި ރުފިޔާގެ ރަސްމީ ގަނެވިއްކުމުގެ ރޭޓުން ބަލާނަމަ، 3,423.24 ރުފިޔާއެވެ. https://twitter.com/MaldivianAero/status/1763156439210639374 މޯލްޑިވިއަނުން އެންމެފަހުން ކޮޅުނބަށް ދަތުރުތައް ބާއްވާފައިވަނީ 2021 ވަނަ އަހަރެވެ. އެފަހަރު ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ސްރީލަންކާގެ މަޝްރަހު ގޯސްވުމުގެ ސަބަބުންނެވެ. އޭގެފަހުން މޯލްޑިވިއަނުން ވަނީ ސްރީލަންކާގެ ރަތަމަލާން އެއާޕޯޓަށް 2022 ވަނަ އަހަރުގެ މާޗްމަހު ޝެޑިއުލް ދަތުރުތައް ބާއްވާފައެވެ. ނަމަވެސް އޭގެ އޭގެ ތިން މަސްފަހުން އެ ދަތުރުތައް ވަނީ ދަތުރުކުރާނެ މީހުން ނެތުމުންނާއި ސްރީލަންކާގެ އިގްތިސާދީ ހާލަތު ގޯސްވުމުގެ ސަބަބުން ހުއްޓާލާފައެވެ. ބައިނަލްއަޤްވާމީ ވައިގެ އުދުހުންތަކުގައި ސްރީލަންކާއަކީ ދިވެހިރާއްޖެއަށް ވަރަށް މުހިއްމު ގައުމެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުލޭގައި އެއާޕޯޓެއް 1960 ވަނަ އަހަރުގެ ތެރޭގައި އެޅިއިރު، އެންމެ ފުރަތަމަ ޖައްސާފައިވަނީ އެއާ ސިލޯނުގެ ބޯޓެކެވެ. ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިނުން އަންނަނީ މިހާރުވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫ ސިޓީ ގަމަށް އުދުހުންތައް ބާއްވަމުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ