މާލެ: 31°C

މަކުނުދު އެއާޕޯޓްގެ ރަންވޭއަށް، 300 މީޓަރު އިތުރުކުރުމަށް ރައީސް ނިންމައިފި

February 26, 2024
3 ފަހަރު ބަލާފައި
މަކުނުދު އެއާޕޯޓްގެ ރަންވޭއަށް، 300 މީޓަރު އިތުރުކުރުމަށް ރައީސް ނިންމައިފި
މަކުނުދު އެއާޕޯޓްގެ ރަންވޭއަށް، 300 މީޓަރު އިތުރުކުރުމަށް ރައީސް ނިންމައިފި
ހދ.މަކުނުދޫގައި މިހާރު ތަރައްޤީކުރަމުންދާ އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުއިއްޒު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެރަށު އެއާޕޯޓްގައި އެޅިގެންދާނީ 1800 މިޓަރުގެ ރަންވޭއެއްކަމަށެވެ. މަކުނުދޫ އެއާޕޯޓް ތަރައްޤީކުރުމުގެ ޕްލޭން އޮތްގޮތުން ރަންވޭގެ ދިގުމިނަކީ 1500 މީޓަރެވެ. މަކުނުދޫ އެއާޕޯޓް ތަރައްޤީކުރުމަށް 43.12 ހެކްޓަރު ހިއްކުމަށް ކުރިން ނިންމި ނަމަވެސް، ރައީސް މިއަދު ވިދާޅުވީ އެއާޕޯޓް ބިންހިއްކާއިރު، ގެދޮރުވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ކުރުމަށްވެސް ބިންހިއްކާނޭ ކަމަށެވެ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކަން ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީކުރުމަށް ނިންމި މަނުކުދޫ އެއާޕޯޓްގެ ރަންވޭ 1800 މީޓަރު ދިގުކުރުމަށް ނިންމުމުން، ބައިނަލްއަޤްވާމީ ދަތުރުތައް ފެށިގެންދިއުމުގެ މަގުފަހިވެގެންދާނެއެވެ. މަކުނުދޫ އެއާޕޯޓްގެ ރަންވޭ ދިގުކުރުމަށް ނިންމެވިއިރު، ރައީސް ޑރ.މުއިއްޒު ވަނީ ހދ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ ރަންވޭއަށްވެސް 700 މީޓަރު އިތުރުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ސަރަހައްދީ ތަރައްޤީއަށް ބަލާއިރު، ހަނިމާދޫ އެއާޕޯޓްގެ ތަރައްޤީގެ ޕްލޭން ކުޑަކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރަނީ 2 ބިލިއަން ރުފިޔާގެ އަގަކަށް އިންޑިއާގެ ޖޭއެމްސީ ކުންފުނިންނެވެ. އަވައްޓެރި އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު މިހާރު އޮތްގޮތުން ތަރައްޤީކުރަނީ 2.46 ކިލޯ މިޓަރުގެ ރަންވޭއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ