މާލެ: 31°C

މާފަރު އެއާޕޯޓުގައި ހޮޓަލެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

March 30, 2024
2 ފަހަރު ބަލާފައި
މާފަރު އެއާޕޯޓުގައި ހޮޓަލެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ
މާފަރު އެއާޕޯޓުގައި ހޮޓަލެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ
ނ.އަތޮޅު މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައި ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ކުރި އާއްމު އިއުލާނެއްގައި ބުނެފައިވަނީ، އެ އެއާޕޯޓްގައި 50 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅޫވާލާފައިވާކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މާފަރު އެއާޕޯޓުގައި ހޮޓާ ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް އެބައޮތް ކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުން އަންނަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ އެދިފައެވެ. ހޮޓާ އެޅުމަށް ނިންމާފައިވަނީ 4،002 އަކަ މީޓަރުގެ ބިމެއްގައެވެ. މާފަރު އެއާޕޯޓްގައި ހޮޓަލެއް އެޅުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލާފައިވާއިރު، މި އެއާޕޯޓް ބޭނުންކުރަން ފަށާފައިވަނީ، 2019 ވަނަ އަހަރެވެ. އަދި ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި އެ އެއާޕޯޓް ބޭނުންކުރަން ފަށާފައިވަނީ 2020 އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސަމުން އަންނަ އެއާޕޯޓެވެ. މިދިޔަ އަހަރު އެކަނިވެސް އެ އެއާޕޯޓަށް 353 ޖެޓް ވަނީ ޖައްސާފައެވެ. މީގެ އިތުރުން މިދިޔަ އަހަރު މާފަރު އެއާޕޯޓުން 2000 ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ނ.އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުން އަންނައިރު، މިހާރުވެސް އެ ހިސާބުގައި 7 ރިސޯޓެއް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން، 14 ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ