މާލެ: 31°C

ކުރިއަށް އޮތްތަނުގައި ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 3 ލައްކަ ޓަނަށް އިތުރުވެގެންދާނެ: ސައީދު

January 15, 2024
3 ފަހަރު ބަލާފައި
ކުރިއަށް އޮތްތަނުގައި ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 3 ލައްކަ ޓަނަށް އިތުރުވެގެންދާނެ: ސައީދު
ކުރިއަށް އޮތްތަނުގައި ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 3 ލައްކަ ޓަނަށް އިތުރުވެގެންދާނެ: ސައީދު
އަދުގެ ސަރުކާރުގެ ވިސްނުމަކީ ކުރިއަށްއޮތް ތަނުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލް ކެޕޭސިޓީ 3 ލައްކަ ޓަނަށް އިތުރުކުރުންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވީއައިއޭގެ އައު ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުމަކީ ވީއައިއޭގެ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ 3 ލައްކަ ޓަނަށް އިތުރުކޮށް އެތަނުގެ އިގްތިސޯދީ ނަފާ އެންމެ ރަނގަޅަށް ހޯދުން ކަމަށެވެ. މިގޮތުން ކުރިއަށްއޮތް ތަނުގައި ކާގޯ ޓާމިނަލް ތަރައްޤީ ކުރެވިގެންދާނީ ޗައިނާ ސަރުކާރުގެ އެއްބާރުލުމާ އެކުކަން ދޭހަވާ މޭރުމަކުން މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ. " ވީއައިއޭގެ ކާގޯ ޓާމިނަލް ތިން ލައްކަ މެޓްރިކްޓަނަށް ބޮޑުވެގެންދިއުމަކީ ރާއްޖޭގެ ޓްރޭޑް ޑެފިސިޓަށް ހައްލެއް ހޯއްދެވުމަށް ރައީސަކަށް ނިންމެވޭނެ އެންމެ ވިޝަނަރީ ނިންމުން" އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ވީއައިއޭގެ ކާގޯ ޓާމިނަލަށް މިއަދު މި ގެނައި ބަދަލާއެކު ޖެހިގެން އަންނަ ފްލައިޓް އަންނަންދެން ފިނިކުރި ތަކެއްޗާއި އެނޫންވެސް މުދާ އަވީގައި ބަހައްޓަން ނުޖެހޭނެ ކަމަށާއި، އެތަކެތި މިހާރު އައިއެސްއޯ މިންގަނޑަށް ރައްކާކުރެވޭނޭކަމަށެވެ. ވީއައިއޭގެ އައު ކާގޯ ޓާމިނަލް މިއަދު ހުޅުވިއިރު، މީގެ ކުރިން ބޭނުންކުރަމުން އައި ކާގޯ ޓާމިނަލުން އަހަރަކު ހޭންޑުލްކުރެވެނީ 50،000 މެޓްރިކް ޓަނުގެ ކާގޯއެވެ. އައު ކާގޯ ޓާމިނަލުން އަހަރަކު 120،000 މެޓްރިކް ޓަނުގެ ކާގޯ ހޭންޑުލް ކުރެވިގެންދާނޭކަމަށް ވީއައިއޭ ހިންގާ ކުންފުނި އެމްއޭސީއެލްއިން ބުނެއެވެ. ވީއައިއޭގައި ކާގޯގެ ހިދުމަތްދޭތާ 40 އަހަރުވެފައިވާއިރު، ތަނުގެ ޖާގަ ކުޑަވުމަކީ މިހާތަނަށް އޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. އައު ކާގޯ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރެވެ. އައު ޓާމިނަލްއާއެކު ކަނޑުމަގުން މުދާ ގެންދިއުމަށްވެސް ވަނީ ކާގޯ ބަނދަރެއް ހަދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ