މާލެ: 31°C

ޖެނުއަރީމަސް ނިމުނުއިރު، ކުރި ހަރަދަށްވުރެ ލިބުނު އާމްދަނީ އިތުރު

February 9, 2024
3 ފަހަރު ބަލާފައި
ޖެނުއަރީމަސް ނިމުނުއިރު، ކުރި ހަރަދަށްވުރެ ލިބުނު އާމްދަނީ އިތުރު
ޖެނުއަރީމަސް ނިމުނުއިރު، ކުރި ހަރަދަށްވުރެ ލިބުނު އާމްދަނީ އިތުރު
މިއަހަރުގެ ޖެނުއަރީމަސް ނިމުނުއިރު، ސަރުކާރުން ކުރި ހަރަދަށްވުރެ، ދައުލަތަށް ލިބުނު އާމްދަނީ އިތުރުކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ދައުލަތުގެ ހަރަދުބަރަދު ތަފާސްހިސާބަށް ބަލާއިރު ޖެނުއަރީމަހު ސަރުކާރުން ކުރި ހަރަދުތައް ހުރީ 2.9 ބިލިއަން ރުފިޔާގައެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އަކީ 3.5 ބިލިއަން ރުފިޔާއެވެ. ޖެނުއަރީމަހު ސަރުކާރުން ކުރި ހަރަދުތަކަށް ބަލާއިރު، އެންމެބޮޑު ހޭދައެއްކޮށްފައިވަނީ، މުސާރަ އާއި ޕެންޝަނުގެ އިތުރުން ސަރުކާރުގެ އިދާރީ ހަރަދުތަކަށެވެ. ޖެނުއަރީމަހު މުއައްޒަފުންގެ މުސާރައާ ޕެންޝަނުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވައިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހަރަދު ހުރީ 953 މިލިއަން ރުފިޔާގައެވެ. ޖެނުއަރީމަހު ކުރި ހަރަދު
  • އާސަންދައަށް: 147.9 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް: 246 މިލިއަން ރުފިޔާ
  • ލޯން އަދާކުރުމަށް: 380.7 މިލިއަން ރުފިޔާ
ޖެނުއަރީމަހު ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، ޓެކްސް އާއި އެހެނިހެން ފީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން 3.2 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އަދަދެވެ. ޓެކްސް ނޫން ގޮތުގައި ލިބިފައިވަނީ 328 މިލިއަން ރުފިޔާއެވެ. ޖެނުއަރީމަހު ޓެކްސްގެ ގޮތުގައި އެންމެގިނައިން އާމްދަނީ ލިބިފައިވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ޖީއެސްޓީންނެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ޖެނުއރަީމަހު 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީއެސްޓީގެ ގޮތުގައި ވަނީ 1.2 ބިލިއަން ރުފިޔާ ލިބިފައެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިއަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނޭކަމަށް ލަފާކޮށްފައިވަނީ 25.6 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފައިވާއިރު، ގްރާންޓްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ