ޖެނުއަރީމަހު ދައުލަތުގެ އާމްދަނީ 7.7 އިންސައްތަ ދަށްވެއްޖެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު މިއަހަރުގެ ޖެނުއަރީގައި ލިބިފައިވާ އާމްދަނީ މަދުވުމުގެ މައިގަނޑު އެއް ސަބަބަކީ ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ޓެކްސް ނެގުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން ފެބްރުއަރީ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމުން ކަމަށް މީރާ އިން ބުނެ އެވެ.
އޭގެ އިތުރުން މީރާއިން ބުނެފައިވާ ގޮތުގައި ނަމަވެސް މި އަދަދަކީ ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5 ޕަސެންޓް އިތުރު އަދަދެކެވެ. އެގޮތުން މި މުއްދަތުގައި ޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވުމާއި 1 ޑިސެންބަރު 2024 ފެށިގެން އެއާޕޯޓު ޓެކުހާއި ފީގެ ރޭޓު އިތުރުވުމާއި ގުޅިގެން، މިދިޔަ މަހު އެ ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.
މިދިޔަ މަހު އަންދާޒާކޮށްފައިވާ އާމްދަނީއަށް ވުރެ 5 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވޯކް ޕާމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހުން އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުނެ އެވެ. އަދި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑީގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމަކީ، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއް ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.
މިދިޔަ ޖެނުއަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީ ގެ ގޮތުގައި 1.59 ބިލިއަން ރުފިޔާ ލިބިފައިވާއިރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެގޮތުން އިންކަމް ޓެކްސް ގެ ގޮތުގައި 1.19 ބިލިއަން ރުފިޔާ ލިބިބިފައިވާކަމަށް މީރާއިން ބުނެފައިވެއެވެ.







