މާލެ: 31°C

އިންޑިއާ މާކެޓުން ލިބުނު ކުރިއެރުމާއެކު، ލަންކާއަށް މިދިޔަމަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

February 7, 2024
5 ފަހަރު ބަލާފައި
އިންޑިއާ މާކެޓުން ލިބުނު ކުރިއެރުމާއެކު، ލަންކާއަށް މިދިޔަމަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
އިންޑިއާ މާކެޓުން ލިބުނު ކުރިއެރުމާއެކު، ލަންކާއަށް މިދިޔަމަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
އިންޑިއާ މާކެޓުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑުތަނުން އިތުރުވެ، ހުސްވި ޖެނުއަރީމަހު އަވައްޓެރި ސްރީލަންކާއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި ޖެނުއަރީމަހު ލަންކާއަށް ވަނީ 208,253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު، 103 އިންސައްތައިގެ ކުރިއެރުމެކެވެ. ޖެނުއަރީމަހު ލަންކާއަށް ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެގައުމާ އެންމެ ކައިރީ އޮންނަ އަވައްޓެރި އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ. ޖެނުއަރީމަހު ލަންކާއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކަށް އިންޑިއާ ވެފައިވާއިރު، ހުސްވިމަހު އެގައުމުން ވަނީ، 34,399 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ލަންކާގެ ޓޫރިޒަމް ރަނގަޅުވާން ފަށާފައިވާއިރު، މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި އެގައުމުގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮތުން 2019 ވަނަ އަހަރު އީސްޓަ ބޮމުގެ ހަމަލާގެ އިތުރުން ކޮވިޑްގެ ސަބަބުން ލަންކާގެ އިގްތިސާދު މިދިޔަ އަހަރުތަކުގައި ވަނީ މިއިން ޒަމާނަކު ދަށަށް ނުދާހާ ވަރަށް ދަށަށްގޮސްފައެވެ. އިންޑިއާގެ ފަތުރުވެރިން ލަންކާއަށް ޒިޔާރަތްކުރާ އަދަދު އިތުރުވެފައި މިވަނީ، ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ދެމެދު އޮންނަ ގުޅުން ގޯސްވެ، އެގައުމުގެ ބައެއް ފަރާތްތަކުން ރާއްޖެ ނައުމަށް ކެމްޕެއިން ކުރަމުންދަނިކޮށްކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ އާ ރާއްޖޭގެ ގުޅުން ގޯސްވެފައިވަނީ ޑރ.މުއިއްޒު ސަރުކާރަށް ނިސްބަތްވާ ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ފުރައްސާރަ ކުރުމާއި ގުޅިގެންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ