މާލެ: 31°C

އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އާ ސަރުކާރުގެ ސިޔާސަތުތަށް ހަރުދަނާ: އައި އެމް އެފް

February 13, 2024
3 ފަހަރު ބަލާފައި
އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އާ ސަރުކާރުގެ ސިޔާސަތުތަށް ހަރުދަނާ: އައި އެމް އެފް
އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އާ ސަރުކާރުގެ ސިޔާސަތުތަށް ހަރުދަނާ: އައި އެމް އެފް
ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދު ހިންހަމަޖެހޭ ކަމަށާ އެ ފިޔަވަޅުތައް ހަރުދަނާ ކަމަށް އައި އެމް އެފް އިން ބުނެފިއެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް)ގެ މެނޭޖިންގ ޑިރެކްޓަރ  ކްރިސްޓަލީނާ ޖޯޖީވާ، މިކަން ފާހަގަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ދުބާއީގައި ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި 2023 ނޮވެމްބަރ 17 ގައި އާ ސަރުކާރު ވެރިކަމަށް އައިއިރު ދިވެހިރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ޙާލަތުގެ މައްޗަށްވެސް އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ އަލިއަޅުވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ޙާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް އެކަމަނާ ފާހަގަ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަމަށްޓަކައި ތައުރީފު ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންކަން ބަލައިގަންނަކަމުގައި ވިދާޅުވެ އެކަންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ޤާބިލުކަން ހުރިކަމުގައި އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އިސްވެ ހުންނަވައިގެން ދިވެހިރާއްޖެއަށް ގެންނަވާ އިޤްތިޞާދީ އިޞްލާޙުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަޢުރީފު ކުރައްވައި، ދިވެހިރާއްޖެއަށް ފާގަތި މުސްތަޤްބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރައްޔިތުންނާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ޙިއްޞާކުރެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ތަޢުރީފު ކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ޤައުމެއްކަމަށާއި، އެހެންނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ޤައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިކަންކަމަށް ވިސްނަވައިގެން، މި ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އައި.އެމް.އެފް. ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ އަކީ ވަރލްޑް ބޭންކުގެ ކުރީގެ ސީ.އީ.އޯ. އަދި ޔޫރަޕިއަން ކޮމިޝަންގެ ބަޖެޓް އެންޑް ހިއުމަން ރިސޯސަސްގެ ކުރީގެ ވައިސް ޕްރެޒިޑެންޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ