މާލެ: 31°C

އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯންޏަކަށް އިހަވަންދޫ މާހޯރަ 3

November 25, 2022
2 ފަހަރު ބަލާފައި
އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯންޏަކަށް އިހަވަންދޫ މާހޯރަ 3
އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯންޏަކަށް އިހަވަންދޫ މާހޯރަ 3
އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯނީގެ ރިކޯޑް ހއ އިހަވަންދޫ މާހޯރަ-3 ދޯނިން މުގުރާލައިފިއެވެ. މި ދޯނި ކަންނެލި ކިރާފައިވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ކަންނެލި ގަނެ އެކްސްޕޯޓްކުރާ އެންސިސް ފިޝަރީޒް އަށެވެ. މިދަތުރުގައި އެދޯނިން 14 ޓަނުގެ ކަންނެލި ބޭނިއެވެ. މީގެތެރެއިން 11 ޓަނު 865 ކިލޯގެ ބޮޑު ކަންނެލި ކިރުވާފައިވަނީ އެންސިސް އަށެވެ. މިއީ އެންސިސްގެ ތާރީހުގައި އެއް ދަތުރުން އެންމެ ގިނައިން ދޯންޏަކުން ކަންނެލި ކިރުވި ފަހަރެވެ. އެންސިސްއިން ބުނީ މީގެކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ. އެންސިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެއް ދަތުރުން 3 ވަނަ އަށް އެންމެ ގިނައިން ކަންނެލި ކިރުވާފައިވަނީ ދ ކުޑަހުވަދޫ "ދިރުން-2" ދޯންޏެވެ. އެ ދޯނިން 11 ޓަނު 17 ކިލޯ ކިރުވިކަމަށް އެންސިސްއިން ބުނެއެވެ. މާހޯރަ-3 ދޯނީގެ ކެޔޮޅު އިބްރާހިމް ރަޝީދު ބުނީ މިދަތުރުގައި އެ ދޯނިން ކަންނެލި ބޭނީ އެންމެ އައިނަކުން ކަމަށެވެ. ހަފްތާއެއްހާ ދުވަހުގެ މި ދަތުރުގައި ކަންނެލި ބާނަން 3 ދުވަސް ހޭދަވި ކަމަށް ކެޔޮޅު ބުންނެވެ. [caption id="attachment_13259" align="aligncenter" width="1296"] ކެޔޮޅު އިބްރާހިމް ރަޝީދު[/caption] "ވަރަށް ބޭރުން ދިމާވި ވަރަށް ބޮޑު ކަންނެލި އައިނެއް އެއީ. ގާތްގަނޑަކަށް 190 ވަރަކަށް މޭލުން. ކަންނެލި ބާނަން ތިބެފަ އިރުއޮއްސުމުން އިންނީޖު ނިއްވާލާފަ ދޯނި ދޫކޮއްލަނީ. އަނެއްދުވަހު އިރުއަރާއިރުވެސް ދޯނި އޮންނަނީ ހަމަ ކަންނެލި އައިންތެރޭގައި. ވަރަށް ދަހި އައިނެއް މިއީ. 200ގެ ކަންވާރުން 15 ވަނަރަކަށް ފޫޓަށް ދޫކޮއްލާއިރަށް ހުންނަނީ ކަންނެލި ގަނެފަ." ކެޔޮޅު ބުންނެވެ. މިދަތުރުން އެކަނި ކޮންމެ ފަޅުވެރިއަކަށް 25 ހާސް ރުފިޔާއަށްވުރެ ގިނަ ރުފިޔާ ލިބުނެވެ. "މިދުވަސްވަރު ކަންނެލީގެ އަގު މިވަނީ ވަރަށް ބޮޑަށް ވެއްޓިފަ 30 ކިލޯއިން ދަށުގެ ކަންނެލި ކިރީ 50 ރުފިޔާއަށް. 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ކިރީ 60 ރުފިޔާއަށް. މީގެ ދުވަސްކޮޅެއް ކުރިން ކަންނެލި ކިލޯއެއް ހުރި 100 ރުފިޔާއިން މަތީގައި. އެވަރަށް އަގު ހުރި ނަމަ މި ދަތުރުން އެކަނިވެސް ކުއްޖަކަށް ފަންސާހަކަށް ހާސް ރުފިޔާ ލިބުނީސް." ރާއްޖެއިން އެންމެ ފާހަގަކޮއްލެވޭ އެއް ކެޔޮޅު ކަމަށްވާ އިބްރާހިމް ރަޝީދު ބުންޏެވެ. އިބްރާހިމް ރަޝީދު ފާހަގަކުރެވިފައިވަނީ މަސްވެރިކަމުގެ ދާރިއަށް ޒުވާނުން ނެރެ، މި ދާއިރާއިން މީހުން ތަމްރީން ކުރުމުގައި ނަމޫނާ ކެޔޮޅެއްގެ ގޮތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ