މާލެ: 31°C

ދެތިން މީހަކު ކުރި ކަމަކުން ޓުއަރިޒަމަށް އަދި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟

January 9, 2024
3 ފަހަރު ބަލާފައި
ދެތިން މީހަކު ކުރި ކަމަކުން ޓުއަރިޒަމަށް އަދި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟
ދެތިން މީހަކު ކުރި ކަމަކުން ޓުއަރިޒަމަށް އަދި ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ ބައެއްގެ ގޮތުގައި އޮންނަ ލަކްޝަދީބަށް ކުރެއްވި ޒިޔާރަތެއްގައި ނަގާފައިވާ މަންޒަރުތަކާއެކު ކުރެއްވި އެކްސް ޕޯސްޓަކަށް (ޓްވީޓަކަށް) ރައްދުދީ ދިވެހި ސަރުކާރުގެ 3 ޑެޕިއުޓީ މިނިސްޓަރަކު ކުރި ބޭއަދަބީ ޕޯސްޓް ތަކަކާގުޅިގެން ސޯޝަލް މީޑިއާގައި މައްސަލަ ހޫނުވެފައިވާތާ 2 ދުވަސް ވެއްޖެއެވެ. މި މައްސަލަ އަށް ދެދުވަސް ވީއިރު ހީކުރި ވަރަށްވުރެ އެކަމުން ރާއްޖޭގެ ޓުއަރިޒަމަށާ ޖުމްލަކޮށް އިގްތިސާދަށް ކޮށްފާނެ އަސަރު ބޮޑުކަމަށް މިހާރު މިވަނީ ގަބޫލު ކުރެވެން ފަށާފައެވެ. އެންމެ ފުރަތަމަ އެ މައްސަލައިގައި ވާހަކަ ދައްކަން ފެށީ އިންޑިއާގެ ސިޔާސީ އެކްޓިވިސްޓުންނާއި ނޫސްތަކުންނެވެ. މާ ގިނަ އިރެއްނުވެ ދިވެހީންގެ މެދުގައި މަގްބޫލް ފިލްމީ ތަރިންވެސް ވަނީ ހިންހަމަނުޖެހުން ފާޅުކުރަން ފަށާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސަލްމާން ޚާން ހިމެނެއެވެ.   އެކަން އެހާ ބޮޑު މައްސަލަ އަކަށްވީ ކީއްވެ؟ ދުނިޔޭގެ ގައުމުތަކުގެ ވެރިން ޓެގްކޮށް ޕޯސްޓްތަށް ކޮށް ނުވަތަ ހަޑިހުތުރު ވާހަކަ ލިޔުމަކީ އާކަމެއް ނޫނެވެ. އެއީ ވަރަށް އާންމުކަމެކެވެ. އެހެން ނަމަވެސް މިކަން އެހާ ބޮޑު މައްސަލައަކަށް އިންޑިއާގެ މީޑިއާއިން ހެދީ ދިވެހި ސަރުކާރު ތަމްސީލުކުރަން އިސް މަގާމެއްގައި ތިބި ބައެއްގެ ފަރާތުން އެފަދަ ވާހަކަ ތަކެއް އައުމުންނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ސަރުކާރުންވެސް އެއްދުވަހު ހިމޭނުން އޮތުމަށްފަހު އެންމެ ފަހުން ވަނީ ބަޔާނެއް ނެރެ އެއީ ސަރުކާރުގެ ވިސްނުން ނޫންކަން ޔަގީންކޮށްދީފައެވެ. އަދި އެޕޯސްޓް ތަކަކީ އެކަން ކުރި މީހުންގެ އަމިއްލަ ޚިޔާލުކަމަށްބުނެ ސަރުކާރުން ވަނީ އެކަމުން ދުރުވާން މަސައްކަތް ކޮށްފައެވެ.   ޓުއަރިޒަމަށް އަދި އިގްތިސާދަށް ކުރާނީ ކިހާ ވަރެއްގެ އަސަރެއް؟ ކޮންމެ އަކަސް ފަރުދީ ފެންވަރުގައި ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް ފެށި މަސައްކަތް މިހާރުވަނީ ކުންފުނިތަކާ ޖަމިއްޔާ ތަކާ ހަމައަށްގޮސްފައެވެ. މިގޮތުން އިންޑިއާގެ އެވިއޭޝަން އެންޑް ޓުއަރިޒަމް ކޮމެޓީގެ ޗެއަރމަން ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންތަކެއް އިންޑިއާ އާ ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލުތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިއީ އިންޑިއާ ރާއްޖޭގެ އެންމެ ބޮޑު ސޯސް މާކެޓައްވި ހިނދު އަމަލުކުރި ގޮތެއް ކަމަށް ބުނެ، އެންމެ ގިނަ ބޭރު ފައިސާ ވައްދާ ވަޒީފާ ފުރުސަތު ފަހިކޮށްދެނީވެސް އެ ގައުމުން ކަމަށް ބުނެފައެވެ. އެގޮތުން، އެ ބަޔާނުގައި ވަނީ އިންޑިއާއިން ރާއްޖެއަށް އޮޕަރޭޓް ކުރާ ހުރިހާ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ހުއްޓާލުމަށާއި، ލަކްޝަދީޕްގެ ރައްތަކަށް ދަތުރުތައް ޑައިވާޓް ކުރުމަށް އެދިފައެވެ. "އިންޑިއާގެ ހޮޓެލް އެސޯސިއޭޝަނުން ލަކްޝަދީޕް ރާއްޖެ ދޫކޮށް ލަކްޝަދީޕް ރައްތަކަށް އިންވެސްޓް ކުރުމަށް ގޮވާލަން" ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުންގެ ޖަމީއްޔާތަކާއި އޭޖެންޓުނަށް ރާއްޖެ އިސްތިހާރު ކުރުން ހުއްޓާލުމަށް ގޮވާލާފައިވާއިރު، އޭގެ ބަދަލުގައި އަންޑަމަން އައިލޭންޑްސް އާއި ލަކްޝަދީޕް ރައްތައް ޕްރޮމޯޓްކުރުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި ސްރީ ލަންކާ, މޮރިޝަސް އަދި ފުކެޓް ހިމެނެއެވެ.

އެ ގައުމުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ސްޓިކް ޓްރެވަލް ގްރޫޕުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމީއްޔާއަކުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެންމެ އިންޑިއާގެ ބޮޑު ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އީޒް މައި ޓްރިޕްއިންވެސް ވަނީ ރާއްޖެއަށް ބުކިންގް ހެދުން ވެސް ހުއްޓާލިކަން އިއުލާންކޮށްފައެވެ. އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓް ތަށް ބުނާގޮތުން ކެންސަލް ކުރި ބުކިންގ ގެ އަދަދު 7 ހާހާއި 10 ހާހާއި ދެމެދުގައި އުޅޭނެކަމަށް ލަފާކުރެވެއެވެ.   މިގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟ ކޮންމެ އަކަސް މާބޮޑު ކަމެއް ކަމަށް ނުބަލާ ކުރި ކަމަކުން ހީކުރެވުނު ވަރަށްވުރެ ބޮޑު ގެްލުމަކަ ކުރިމަތިލާން ޖެހޭނެކަން މިހާރު މިވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ. އެކަން ކުރި މީހުން ސަސްޕެންޑް ކުރުމަކުން ލިބުނު ގެއްލުން އިއާދައެއް ނުކުރެވެއެވެ. ކޮންމެ ގޮތެއްވިޔަސް މިކަމުގައި ޒިންމާ ނަގައި މިކަން ހައްލުކުރަންވެސް އޮތީ މިހާރުގެ ސަރުކާރެވެ. ލިބިފައިމިވާ ހަޑި ނަމާއި ގެއްލުން ކުޑަކުރެވޭނީ މިކަން ހައްލުކުރުމަށް ކުރިއަށް އޮތް ތާގައި ސަރުކާރުން ކުރާ މަސައްކަތަކުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ