އަސާސީ މުދަލުގެ ބާވަތްތައް ރާއްޖެއަށް ބޭރުކުރުމަށް އަވައްޓެރި އިންޑިއާއިން ދީފައިވާ ކޯޓާގެ އަދަދު އިތުރުކޮށްދިނުމުން އެނގިގެންދަނީ ރާއްޖެއާއި އިންޑިއާ އާ ދެމެދު ކުރިންވެސް އޮތް ގުޅުން ދެމިއޮތްކަން ކަމުގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިންޑިއާއިން އިއްޔެ ވަނީ އެގައުމުން ރާއްޖެއަށް އަސާސީ މުދާ ބޭރުކުރުމަށް ދީފައިވާ ކޯޓާ އިތުރުކޮށްދިނުމަށް ނިންމައި އެކަން ރަސްމީކޮށް ހާމަކޮށްފައެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތައް އިންޑިއާއިން ބޭރުކުރަމުން އަންނަނީީ 1981 ވަނަ އަހަރު ގާއިމްކޮށްފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން' ގެ ދަށުންނެވެ.
މިފަހަރު ކޯޓާ އިތުރުކޮށްދިނުމަށް ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެ އާއި އިންޑިއާ އާ ދެގައުމުގެ ދެމެދުގައި ގާއިމްވެފައި އޮތް ގުޅުން ބަދަލުނުވާކަން ފާހަގަކުރައްވާފައެވެ.
https://twitter.com/em_saeed/status/1776497541779276247
އިންޑިއާގެ ހާއްސަ ކޯޓާގެ ދަށުން ރާއްޖެއަށް ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެތެރެ ކުރެއެވެ. އިންޑިއާއިން މިފަހަރު ވަނީ މީގެ ކުރިން ދީފައިވާ ކާބޯތަކެތީގެ ކޯޓާއަށް 5 އިންސައްތަ އަދި ހިލަ އާއި ހިލަވެލީގެ ކޯޓާއަށް 25 އިންސައްތަ އިތުރުކޮށްދީފައެވެ.
ކޯޓާ އިތުރުކޮށްދިން ބާވަތްތަކުގެ ތަފްސީލް
ހިލަ: 1 މިލިއަން މެޓްރިކް ޓަނު
ހިލަވެލި:1 މިލިއަން މެޓްރިކް ޓަނު
ކާބޯތަކެތި:
- ބިސް: 428 މިލިއަން
- އަލުވި: 21،000 މެޓްރިކް ޓަނު
- ފިޔާ: 36،000 މެޓްރިކް ޓަނު
- ހަނޑޫ: 124،000 މެޓްރިކް ޓަނު
- ފުށް: 109،000 މެޓްރިކް ޓަނު
- ހަކުރު: 64،000 މެޓްރިކް ޓަނު
- މުގު: 224 މެޓްރިކް ޓަނު
އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ މުދަލުގެ ކޯޓާ އިތުރުކޮށްދީފައިވާއިރު، މި ސަރުކާރުން ދަނީ ބައެއް ބާވަތްތަކުގެ މުދާ އެތެރެކުރުމަށް އެއް ގައުމަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ.