މާލެ: 31°C
ކެމްޕޭން ކުރުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 6 އާ ހަމައަށް

ކެމްޕޭން ކުރުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 6 އާ ހަމައަށް

April 20, 2024
3 ފަހަރު ބަލާފައި
ކެމްޕޭން ކުރުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 6 އާ ހަމައަށް
މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން މިއަދު ނިންމާލަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީން ބުނީ ކެމްޕޭން ކުރެވޭނީ މިއަދު ހަވީރު 6:00 އާ ހަމައަށް ކަމަށެވެ. އަދި އެ ގަޑިއަށްފަހު ކެމްޕޭންގެ އެއްވެސް ހަރަކާތެއް ބޭއްވުން މަނާވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ ތެރޭގައި އާންމު ތަންތަނާއި ޖަގަހަތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ކެންޑިޑޭޓުންގެ ކެމްޕޭން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން މަނާވާނެ ކަމަށް އީސީން ބުނެއެވެ. އިންތިހާބުތަކުގެ ގަވާއިދުގައިވާ ގޮތުން ހަވީރު 6:00 އާ ހަމައަށް ކެމްޕޭން ހަރަކާތްތައް ހުއްޓައިލުމަށްފަހު، އިންތިހާބު ބާއްވާ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެމްޕޭން އެއްވެސް ހަރަކާތެއް ނުހިންގޭނެއެވެ. އެގޮތުން، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ފޯރީގައި ކެމްޕޭން ހަރަކާތްތައް ބާއްވަމުންނެވެ. 20 ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. ނަމަވެސް ކެމްޕޭން އެންމެ ފޯރީގައި ޖައްސަމުންދަނީ އެންމެ ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައިކަން ފާހަގަކުރެވެއެވެ. މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށެވެ. މި އިންތިހާބުގައި 284،663 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު، ޖުމްލަ 602 ވޯޓުފޮށި ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ. އަދި އަތޮޅު ތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖޭން ބޭރުގެ 3 ގައުމެއްގައި ވޯޓު ފޮށި، ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ