މާލެ: 31°C

ބީސީސީން ދިވެހި އުފެއްދުންތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

March 28, 2024
2 ފަހަރު ބަލާފައި
ބީސީސީން ދިވެހި އުފެއްދުންތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި
ބީސީސީން ދިވެހި އުފެއްދުންތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި
ދިވެހި އުފެއްދުންތަކަށް އާންމުންގެ މެދުގައި އޮންނަ މަޤްބޫލުކަން އިތުރުކޮށް، ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިން ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުއެވެ. މި ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިނިސްޓަރ ސަޢީދު ވަނީ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ދިވެހި އުފެއްދުންތަކެއް ގަނެ، އަންހެނުން ބާރުވެރި ކުރުވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ފަރާތެއް ކަމަށްވާ ޒީނާޒް އަދުނާނަށް ހަދިޔާ ކުރައްވާފައެވެ. މި ކެމްޕެއިން ފައްޓަވައި ދެއްވުމަށްފަހު މިނިސްޓަރ ސައީދު ވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ ހަދިޔާ ބަދަލުކުރުމުގެ ސަޤާފަތެއް އޮންނަ ބައެއް ކަން ފާހަގަކުރައްވައި، މިގޮތަށް ބަދަލުކުރެވޭ ހަދިޔާ ތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ވާނަމަ، އެއީ ދިވެހި އުފެއްދުންތެރިންނަށް ދެވޭ ހިތްވަރެއް ކަމަށެވެ. އަދި ބީސީސީން ފެށި މި ކެމްޕެއިނާއެކު ދިވެހި އުފެއްދުންތެރިންނަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. "ދިވެހީންނަށް އިސްކަން" މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކެމްޕެއިންގައި ބޭނުންކުރުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބީސީސީން ތައްޔާރުކޮށްފައިވާ ކޮތަޅުގައި، ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށެވެ. އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ، ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ އާންމުންގެ މެދުގައި މަޤްބޫލުކަން އިތުރު ކުރުމެވެ. މި ކެމްޕެއިންގައި ދިވެހި ކޮންމެ އުފެއްދުމެއްވެސް ބޭނުންކުރެވެނެއެވެ. އެގޮތުން ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ އުފެއްދުންތައްވެސް ބޭނުން ކުރެވޭނެއެވެ. ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި ކެމްޕެއިން، މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ވަނީ ފަށާފައެވެ. "ދިވެހީންނަށް އިސްކަން" ކެމްޕެއިންގެ ދަށުން މިއަދު ފެށި ހަދިޔާ ބަދަލުކުރުމުގެ ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ 16 އޭޕްރީލް 2024ގެ ނިޔަލަށެވެ. މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި  ބީސީސީން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ބައްލަވައިގަންވާ ކޮންމެ މުދަލަކަށް 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް ބީސީސީން ޚާއްޞަ މަރުކާއެއްގެ ދަށުން ޤާއިމްކޮށްފައިވާ ފިހާރައެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ