ވަކި ދީން ތަކާއި ރާއްޖޭގެ އިގުތިޞާދަށް ގެއްލުންވާނެ އަމަލުތައް ކުރުން ކުށަކަށްވާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅި މި އިސްލާހުގައިވަނީ ގާނޫނު އުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމުގެ ނަމުގައި މާއްދާއެއް ހިމެނުމަށް ހުށަހަޅާފައެވެ.
އެގޮތުން ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ފަސް ކަމެއް ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ވަނީ ހިމަނާފައެވެ.
އޭގެތެރޭގައި ހިމެނެނީ:
1- އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން
2- އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން
3- އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާ ފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން
4- އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ދަރިން އުފަންވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން
5- އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން







