މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކ. މާލެ، ގ. ޤަޞްރު / ޠަލާލް މުޙައްމަދު (41އ) އަދި މ. މުލި، ނައިޓްރޯސް / އަޙްމަދު ޢުބައިދު (46އ) އެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ މައްޗަށް ތުހުމަގު ކުރެވެނީ، 2026 އޮކްޓޫބަރު 8 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހުއްދަނޫން ގޮތުގައި ހިފަހައްޓައި، ތޫނު ހަތިޔާރުން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ މައްސަލަ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.







