މާލެ: 31°C
ޑޮލަރު މައްސަލާގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ އިދިކޮޅުން ދެކޮޅުހެދިޔަސް، އެދެވޭ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ: ރައީސް މުއިއްޒު

ޑޮލަރު މައްސަލާގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ އިދިކޮޅުން ދެކޮޅުހެދިޔަސް، އެދެވޭ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ: ރައީސް މުއިއްޒު

27 އޯގަސްޓު 2026
61 ފަހަރު ބަލާފައި

ޑޮލަރު މައްސަލަހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އިދިކޮޅުން ދެކޮޅުހެދިޔަސް، އެދެވޭ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ޕޮޑްކާސްޓް "ނޭޝަން ޗެޓް" ގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ޤައުމުގެ ކަންކަން އިސްލާޙުކުރާކަމަށްވަންޏާ، ވާހަކަ ދެކެވެންޖެހޭނީ ކަންކަމުގެ ޙަޤީޤަތަށްކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު އެކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އިގުތިޞާދު ފުޅާކުރުން ކަމަށާއި، ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަންދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ވަރަށް އަވަހަށް ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނުކަމުގައިވީނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނުވަނީ ދެއްވާފައެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އިގުތިޞާދު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށެވެ.

އެގޮތުން ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ވެސް ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެކަންކަމަކީ ތަޢުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން، ގިނަ ދުވަސްތަކެއް ވަންދެން ކުރާ މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުސޫލުތަކުގެ ތެރެއިން ނިންމާ ނިންމުންތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ