މާލެ: 31°C
ކުށުގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވިޔަސް ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި

ކުށުގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވިޔަސް ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި

26 އޯގަސްޓު 2026
56 ފަހަރު ބަލާފައި

ށުގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައިވެސް ރައީސް ވިދާޅުވީ ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާކަމަށާއި، މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން ކަމަށެވެ.

އަދި ރައީސް ވިދާޅުވެފައިވަނި ސަރުކާރުން ހުށަހެޅި މި ބިލުގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށެވެ.

އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ މައްސަލައަށްވެސް މިބިލުގެ ސަބަބުން ޙައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.

މި ބިލުގައިވާގޮތުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ ކުށް ސާބިތުވުމުން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުމާއި، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ތައާރުފުކުރުމާއި، ކުށްކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ނުވަތަ ތަޞައްރުފުކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދު ހާސިލުވާގޮތަށެވެ.

މީގެ އިތުރުން ކުށްކޮސްގެން ހިފެހެއްޓޭ މުދަލާއި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި އެ މުދަލުން ތަޞައްރުފުކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރަށް ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށްކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައްވެސް ކަނޑައެޅުމަކީ ވެސް ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދެއް ކަމަށް ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ކުށުގެ އަމަލުތަކާއި، ކަންކަމާއި ތަކެއްޗާއި، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައިވާ ފަރާތްތަކުގެ މައްޗަށްވެސް މި ގާނޫނު ހިނގާނެ ކަމަސް މި ބިލުގައި ވެއެވެ.

އެގޮތުން  ބޭރު މީހުން ހިމެނޭގޮތަށް ރާއްޖޭގައި ދިރިއުޅޭ އެންމެގެ މައްޗަށާއި، ދިވެހިރާއްޖޭގައިވާ މުދަލުގެ މައްޗަށް، ދިވެހިރާއްޖެއިން ބޭރުގައި އުޅޭ ދިވެހިރައްޔިތުންގެ މައްޗަށާއި މި ގާނޫނުގައި، އަދި ދިވެހިރާއްޖޭގެ ކަމާބެހޭ އެހެން ގާނޫނުތަކުގައި ބަޔާންކުރާ ނިސްބަތަށް، ދިވެހިރާއްޖެއިން ބޭރުގައިވާ ދިވެހިރައްޔިތުންގެ މުދަލުގެ މައްޗަށްވެސް މި ގާނޫނު ހިނގާނެ ކަމަސް ބިލުގައި ބުނެފައި ވެއެވެ.

ދައުލަތަށް ނެގޭނެ ކުށްކޮށްގެން ހޯދާ މުދަލުގެ ތެރޭގައި ހިމަނާފައިވަނީ މަނީ ލޯންޑަރިން، ޓެރަރިޒަމް، ޓެރަރިޒަމަށް ފައިނޭންސްކުރުން، މީހަކު މެރުން، މަސްތުވާތަކެތި ޓްރެފިކްކުރުން، މީހުން ޓްރެފިކްކުރުން، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް ކޮށްގެން ހޯދާ މުދަލެވެ.

އަދި ހަތިޔާރު ޓްރެފިކްކުރުމާއި، ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓްކުރުމާއި، އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށްކުރުމާއި ކޮރަޕްޝަނުގެ އަމަލުން ހޯދާ ފައިސާ ދައުލަތަށް ނެގޭނަކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރަށް ޓެކްސްއަށް މަކަރުހެދުމުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ހިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން މިފަދަ ކުށްތައް ކުރީ ރާއްޖޭން ބޭރުގައިކަމަށް ވިޔަސް އަދި މި ކުށް ކުރީ މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް އައު ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި ކުށުގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ބިލުގައިވެއެވެ. ނަމަވެސް ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުތަކަށް ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްވެ ގާނޫނަށް އަމަލުކުރާތާ މަސް ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ހަރަދުތައް ބެލެހެއްޓުމަށް "ރިކަވާޑް އެސެޓް ފަންޑެއް" ވެސް ގާއިމުކުރަންޖެހޭނެ ކަމަށް މި ބިލުގައި ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ