މާލެ: 31°C
މަޖިލިސް ހިޔުމަން ރައިޓްސް ކޮމެޓީގެ މާކްސް ގިނައިން ލިބުނީ ހިޔުމަންރައިޓްސް ލޯ މާސްޓަރ އަކަށްވުރެ މިއުޒިކު ކިޔަވައިގެން ހުންނެވި ބޭފުޅާއަށް

މަޖިލިސް ހިޔުމަން ރައިޓްސް ކޮމެޓީގެ މާކްސް ގިނައިން ލިބުނީ ހިޔުމަންރައިޓްސް ލޯ މާސްޓަރ އަކަށްވުރެ މިއުޒިކު ކިޔަވައިގެން ހުންނެވި ބޭފުޅާއަށް

26 އޯގަސްޓު 2026
58 ފަހަރު ބަލާފައި

ހިޔުމަންރައިޓްސް ލޯ މާސްޓަރ އަކަށްވުރެ މިއުޒިކު ކިޔަވައިގެން ހުންނެވި ބޭފުޅަކަށް މަޖިލީހުގެ ކޮމެޓީ މާކްސް ގިނައިން ލިބިއްޖެ

ހިޔުމަންރައިޓް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2 ބޭފުޅުންނަށް މަޖިލީހުގެ ހިޔުމަންރައިޓްސް ކޮމެޓީން މާކްސް ދިންއިރު ހިޔުމަންރައިޓްސް ދާއިރާއިން މަތީ ތައުލީމު ހާސިލްކުރި ބޭފުޅާއަށްވުރެ މިއުޒިކު ކިޔަވައިގެންހުރި ބޭފުޅާއަށ ގިނައިން މާކްސް ލިބިވަޑައިގެންފި އެވެ.

ހިޔުމަންރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 2 ފަރާތުގެ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކޮށް ނިނަމްމައި މި މަހުގެ 20 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓުގައިވާގޮތުން އެންމެ މަތިން މާކްސް ލިބިފައިވަނީ މިއުޒުކުގެ ކޮމްޕޯސް ކުރުމުގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ހ. މީނާޒް، ޝަމްއޫން ހަމީދު އަށެވެ.

އެ ރިޕޯޓުގައިވާގޮތުން ޝަމްއޫން ހަމީދު އަށް 92 އިންސައްތަ މާކްސް ލިބިފައިވާއިރު އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވައި، އިންސާނީ ހައްގުތަކާ ބެހޭ ގިނަ ވޯކްޝޮޕްތަކާއި ސެމިނާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އދ ގެ ޔޫއެންސީއޭސީއަށް ރާއްޖޭން ކަނޑައެޅި މާހިރުންގެ ޓީމުގެ މެންބަރުކަންވެސް ކުރައްވާފައިވާ ގދ. ތިނަދޫ، އަސޭގެ، ސަމާއު އަހްމަދު ނަޖީބް އަށް އެ ކޮމެޓީން ދީފައިވަނީ 86 އިންސައްތަ މާކްސް އެވެ.

މިނިވަން މުއައްސަސާތަކަށާއި، މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އިންޓަވިއުކުރާ ފަރާތްތަކުން މާކްސް ދޭ މިންގަނޑުގައި އެންމެ މަތީ މާކްސް ކަނޑައަޅާފައިވަނީ ހާސިލްކޮށްފައިވާ ތައުލީމާއި، މަގާމުގެ މަސައްކަތާ ހުރި ގުޅުން ސާބިތުކޮށްދެވިފައިވާ މިންވަރަށެވެ. އެއީ 20 މާކްސްއެވެ.

ދެވަނައަށް އެންމެ ގިނައިން މާކްސް ލިބެނީ ލިބިފައިވާ ތަޖުރިބާއާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ދައްކުވައިދީފައިވާ މިންވަރަށް ކަނޑައަޅާފައިވާ 15 މާކްސްއެވެ.

މީގެ އިތުރުން 10 މާކުހާއި 15 މާކުހުގެ އެހެން ބޭންޑުތައް ހިމަނައިގެން ޖުމްލަ 100 މާކްސްގެ މައްޗަށެވެ.

މަގާމާ ގުޅުންހުރި މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު ސަމާއު އަކީ އިއުމަން ރައިޓް ކޮމިޝަނުގެ މެންބަރުކަމާއި އދ އިންސާނީ ހައްގުތަކާބެހޭ އެތަށް ވޯކްޝޮޕަކާއި އދ ގެ ޔޫއެންސީއޭސީއަށް ރާއްޖޭން ކަނޑައެޅި މާހިރުންގެ ޓީމުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ޝަމްއޫން ހަމީދަކީ ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ މިއުޒިކް ސްޕަވައިޒަރުކަމާއި އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ