މާލެ: 31°C
ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް އަރައިފި: އެޗްޕީއޭ

ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް އަރައިފި: އެޗްޕީއޭ

26 އޯގަސްޓު 2026
50 ފަހަރު ބަލާފައި

ނިމިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 17 ކޭސް ފެނި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި މިއަހަރުގެ މެއި މަހު ފެނުނުފަހުން ބާރު ސްޕީޑުގައި މި ބަލި ދަނި ފެތުރެމުންނެވެ. އެ ކަމާ ގުޅިގެން މީގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަށާފައިވާ ވެކްސިންގ ޕްރޮގްރާމުގެ ތެރެެއިން މިހާތަނަށް 16،045 މީހަކަަށް ވަނީ ވެކްސިން ދީފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އަޅަން ހަނދާންކޮށްދީފައެވެ.

އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އިލްތިމާސްކުރިއެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިންގ ޖެހުމުގެ ކެމްޕެއިނެއް އެޗްޕީއޭއިން ހިންގަމުންދާއިރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

ހިމަބިހި ފެތުރެމުންދާތީ ހޮސްޕިޓަލަށް އަންނައިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވާއިރު ހިމަބިއްސަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮސް ޓެސްޓްކުރުމަށާއި ނަތީޖާ ލިބެންދެން އެކަހެރިވެ އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5-4 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 -4 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގަ އެވެ.

މި ބަލި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ބުނެއެވެ. ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާސިލުވެ، އެމީހަކަށް ބަލި ޖައްސުވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ