އެތައް ހާސް ދިވެހިން ހަލާލު މަސައްކަތުން ހޯދާ ބޭރުފައިސާކޮޅުވެސް އެއުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް ފަންޑުކުރަން: ފައްޔާޒު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ރައީސް އޮފީހުގެ ގޮފިތަކަކަށް ހަދައި، ޑޮލަރުން އާމްދަނީ ލިބޭ މީހުންނާއި ވިޔަފާރިތަކުން މާރުކުރާ ޑޮލަރު ބޭނުންކުރަނީ ސިޔާސީ އަޗާތެޅުމަށާއި، އިގުތިސޯދަށް މަންފާނުވާނެ ހަރަކާތްތަކަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްޟާއިލް ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ މި ވެރިކަން ފެށުނުއިރު 17.50 ރުފިޔާ އަށްހުރި ޑޮލަރު މިއަދު 23 ރުފިޔާ ފަހަނައަޅައި މިދިޔައީ ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެންނެއް ނޫން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ޑޮލަރު އަގު އުފުލުމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި, މި ސަރުކާރުން ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް އަދި އިންވެސްޓްމަންޓެއް ވެސް ނުގެނެވުނު ކަމަށެވެ.
އަދި ރައީސް އޮފީހުގެ ގޮފިތަކެއް ގޮތަށް ބީއެމްއެލް އާއި އެމްއެމްއޭ ބަދަލުކޮށް މާރުކުރާ ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ އަޗާތެޅުމާއި އިގުތިސޯދަށް މަންފާނުވާނެ ހަރަކާތްތަކަށް ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ސަރުކާރުން ޓީޖީއެސްޓީއާއި ގްރީން ޓެކްސް އާއި އެއަޕޯޓު ފީތައް ބޮޑުކޮށްފި ކަމަށާއި, ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފިކަމަށާއި, އީ ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ދަނީ ނަގަމުން ކަމަށާއި, ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މި ސަރުކާރަށް ޑޮލަރުން އާމްދަނީ ދަނީ ލިބެމުން ކަމަށް ފައްޔާޒް ވިދާޅުވެފައި ވެއެވެ.
މި ފިޔަޅުތަކަކީ ހަރަދު ކުޑަކުރުމާ އެކުއެކީގައި އަޅަން ޖެހޭ ފިޔަވަޅުތަކެއް ނަމަވެސް، ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސޯދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން ވަނީ ވައްޓާލާފައި މިވަނީ އަދި ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން ކަމަށާއި, ހަރަދު ކުޑަނުކުރާތީ ކަމށާއި, ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، ބިލިއަނުން ހަރަދުކުރަން ޖެހިފައިވާ މުސާރައިގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
އެންމެފަހުން ގޮސް ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސޯދަށް ވެއްދީ މިދިޔަ ޖުލައި މަހު ކަމަށާއި, މިއަދު އެ ދިމާކުރަނީ ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާ ކުޅެން ކަމަށާއި, އެ އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރަން ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ހަމަ އެފަދައިން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ ބޭރުފައިސާގެ މިންވަރަށް ބެލުމެއްނެތި އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާ ސަރުކާރުގެ އިސްރާފު ތަކަށް ހަރަދު ކުރުމަށް މާރުކުރަން މަޖުބޫރު ކުރުމަކީ އެ ވިޔަފާރިތައް ފުނޑި ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން ގެނުވާނެ ފަދަ ކަމެއްކަމަށާއި, ދިވެހި އިގުތިސޯދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިންކަމަށާއި, ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުންކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.







