ރާއްޖޭން ބޭރުން އަންނައިރު، އަމިއްލަ ބޭނމަށް އިތުރު ޑިކްލަރޭޝަނަކާ ނުލައި ދުންފަތުގެ ބާވަތްތައް ގެނެވޭ މިންވަރު އިތުރުކޮށްފި އެވެ.
ދަތުރުވެރިންނާއި، އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލަށް ގެނައި 1 ވަނަ އިސްލާހުގައިވާގޮތުން ރާއްޖެއިން ބޭރުން އަންނަ، އުމުރުން 21 އަހަރު ފުރިފައިވާ ދަތުރުވެރިން އެ ޤަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބައެއް ބާވަތްތަކުން ޑިއުޓީ ދައްކަން ނުވަ ކަސްޓަމްސް ޑިކްލެއަރ ކުރާކަށް ނުޖެހޭނެ އެވެ.
އަމިއްލަ ބޭނުމަށް ބޭރުން އަންނައިރު އަތުގައި ގެނައުން ހުއްދަކުރާ ދުންފަތުގެ ބާވަތްތަކާއި މިންވަރުގެ ތެރޭގައި ހިމެނެނީ ހީޓެޓް ޓޮބޭކޯ ހިމެނޭހެން 200 ސިނގިރޭޓާއި، 20 ސުއްޓާ އަދި އިތުރު ބަދަލެއް ނުގެނެސް ހިއްކާފައި ހުންނަ، ދުންފަތް ގަހުގެ 100 ގުރާމް ފަތެވެ.
އެ ޤަވާއިދުގައި ބުނެފައިވާ ގޮތުންސިނގިރޭޓާއި ސުއްޓާ ފިޔަވައި ދުންފަތުގެ އެހެނިހެން ބާވަތްތައް މިންކުރާނީ ގުރާމުންނެވެ. އަދި މިގޮތުން ދޫކުރެވޭނީ ގިނަވެގެން 100 ގުރާމުގެ ތަކެތިކަމަށް އެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ބޭރުން އަންނައިރު އަމިއްލަ ބޭނުމަށް އެތެރެކުރުން ހުއްދަކޮށްފައިވާ އެހެނިހެން ދުންފަތާގުޅޭ ތަކެތީގެ ތެރޭގައި ހިމެނެނީ، ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ، މެނުއަލް ކުދިކުދި ޕޯޓަބަލް މެޝިން/އާލާތްތަކާއި، ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ، ނޯޅާ ހުންނަ 50 ކަރުދާސް، ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ފިލްޓަރު އަދި ސިނގިރޭޓް ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ހުސް ޓިއުބު ނުވަތަ ޕައިޕް އެވެ.
އެ ޤަވާއިދށް ގެނައި އިސްލާހުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ރިއާޔަތްކޮށް، 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީޚުހުގެ ފަހުން އުފަންވެފައިވާ މީހުން އިސްތިސްނާވާނެ ކަމަސްވެސް އެ ޤަވާއިދުގައި ބުނެފައި ވެއެވެ.







