ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކުން ބޮޑު އަގުގައި ޑޮލަރު ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އހިހުސާނު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެހީތެރިކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއ) އިން އެދުމާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ތަންފީޒީ އިދާރާތަކުން ފަށާފައިވާ ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުން ޑޮލަރުން މުސާރަލިބޭ ބައެއް ފަރާތްތަކުން މަނީ އެކްސްޗޭންޖުކުރާ ފަރާތްތަކަށް ބޮޑު އަގުގައި ޑޮލަރު ވިއްކާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ގާނޫނީ ކުށެއް ކަމަށް މިނިސްޓަރ އިހުސާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ އިހުސާނު ވިދާޅުވީ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ފަރާތްތަކުން ހިންގަނީ ޖިނާއި ކުށެއްކަމަށާއި، ޖިނާއީ ކުށަކުން ލިބޭ ފައިސާ ބޭނުންކުރުމާއި، އެ ފައިސާއިން އެހެނިހެން މުއާމަލާތްތައް ކުރުމަކީ ގާނޫނުގައި ބަޔާންކުރާ ގޮތުން މަނީ ލޯންޑަރިންގެ ކުށަށް ފެތޭނެ ކަމެއް ކަމަށްވެސް މިނިސްޓަރ އިހުސާނު ވިދާޅުވިއެވެ.
ހުއްދަނުނަގައި ޑޮލަރު މާރުކުރުމަކީ ރާއްޖޭގައި ޖިނާއީ ކުށެއްކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން މިނިސްޓަރ އިހުސާނު ވިދާޅުވީ ހުއްދަ އޮންނަ ތަންތަން މެދުވެރިކޮށް، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓާ އެއްގޮތަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށެވެ.
އަދި އިތުރަށް މިނިސްޓަރ އިހުސާނު ވިދާޅުވީ މީގެ ކުރިން ޑޮލަރު މާރުކުރުމާ ގުޅޭ ގާނޫނުތައް ތަންފީޒުނުކުރެވި އޮތުމަކީ ދާއިމަށް އެ ގާނޫނުތައް ތަންފީޒުނުކުރެވި އޮންނާނެ ސަބަބެއް ނޫން ކަމަށާއި، މިހާރު ފެށުނު މަސައްކަތްތަކާއެކު އެމްއެމްއޭގެ ގާނޫނާއި ބޭރުފައިސާގެ ގާނޫނު ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.







