ކަޅުބާޒާރުގަ މަނީ އެކްސްޗޭންޖަރުން މެދުވެރިކޮށް ބޮޑު އަގުގައި ޑޮލަރު މާރުކުރާ ރިސޯޓުތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުތައް ތަންފީޒުކުރުމުގައި ސަރުކާރުގެ އެހީތެރިކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއ) އިން އެދުމާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ތަންފީޒީ އިދާރާތަކުން ފަށާފައިވާ ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުން މަނީ އެކްސްޗޭންޖުކުރާ ފަރާތްތަށް މެދުވެރިކޮށް ބޮޑު އަގުގައި ޑޮލަރު ވިއްކަން ބައެއް ރިސޯޓުުތަކުން ޑޮލަރު ނެރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދައިން ކަޅު ބާޒާރަށް ޑޮލަރު ނެރޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މިނިސްޓަރ އިހުސާނު އިތުރަށް ވިދާޅުވީ މިހާތަނަށް ބޭރު ފައިސާއިން ވިޔަފާރިކުރާ 7 ތަނެއްގެ މައުލޫމާތު ފާހަގަކުރެވިފައިވާ ކަމަށާއި، އެ ތަންތަނުން ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ވިއްކާފައިވާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ އިހުސާނު ވިދާޅުވީ މަނީ އެކްސްޗޭންޖް ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ފަރާތްތަކުން ހިންގަނީ ޖިނާއި ކުށެއްކަމަށާއި، ޖިނާއީ ކުށަކުން ލިބޭ ފައިސާ ބޭނުންކުރުމާއި، އެ ފައިސާއިން އެހެނިހެން މުއާމަލާތްތައް ކުރުމަކީ ގާނޫނުގައި ބަޔާންކުރާ ގޮތުން މަނީ ލޯންޑަރިންގެ ކުށަށް ފެތޭނެ ކަމެއް ކަމަށްވެސް މިނިސްޓަރ އިހުސާނު ވިދާޅުވިއެވެ.
އަދި މަނީ އެކްސްޗޭޖް ކުރާ ތަންތަނަކީ ބޭރު ފައިސާ ގައުމަށް އެތެރެކުރާ ތަންތަނަށްނުވާތީ އެތަންތަނަށް ބޭރުފައިސާ ލިބެނީ ކިހިނެއްތޯ ބެލުމުގެ ތަހުގީގު ތަކެއްްވެސް މިހާރު ފަށާފައިވާ ކަމަށާއި، އަ ތަހުގީގު ތަކުން ފާހަގަކުރެވިފައިވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ރިސޯޓުތަކުން، އެ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެމުންގެންދާ ކަންކަމަށްވެސް މިނިސްޓަރު އިހުސާނު ވިދަޅުވި އެވެ.
އަދި އިތުރަށް މިނިސްޓަރ އިހުސާނު ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެކި ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުންނާއި ޑޮލަރުން މުސާރަ ލިބޭ މުވައްޒަފުންވެސް އެމީހުންނަށް ލިބޭ މުސާރަވެސް ކަޅު ބާޒާރުގައި ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހުއްދަނުނަގައި ޑޮލަރު މާރުކުރުމަކީ ރާއްޖޭގައި ޖިނާއީ ކުށެއްކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ވަޒީރު އެދިވަޑައިގަތީ ހުއްދަ އޮންނަ ތަންތަން މެދުވެރިކޮށް، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓާ އެއްގޮތަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށެވެ.







