މާލެ: 31°C
އާޒިމާ ޝުކޫރު މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ މަޤާމަކަށް އައްޔަނުކޮށްފި

އާޒިމާ ޝުކޫރު މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ މަޤާމަކަށް އައްޔަނުކޮށްފި

24 އޯގަސްޓު 2026
77 ފަހަރު ބަލާފައި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި، މ.އާސްތާނާ، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. އަދި ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައިވެސް އެކަމަނާ ޚިދުމަތް ކުރައްވާފައިވެއެވެ. އެކަމަނާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރައްވާފައެވެ.

އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ހާސިލްކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިގެންވާ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ. ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޚިދުމަތުގައި އެކަމަނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ޤާނޫނުއަސާސީ އަދި ޤާނޫނު އިސްލާޙުކުރުމާއި ޤާނޫނީ ދިރާސާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މީގެތެރޭގައި 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި އިސްލާޙީ އެޖެންޑާ އެކުލަވާލައި ތަންފީޒުކުރުމުގައި އެކަމަނާ އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ