މާލެ: 31°C
ގޯއްޗާއި ފްލެޓުގެ ދާއިމީލިސްޓު ޑިސެމްބަރު މަހު ޢާންމުކުރަނީ

ގޯއްޗާއި ފްލެޓުގެ ދާއިމީލިސްޓު ޑިސެމްބަރު މަހު ޢާންމުކުރަނީ

23 އޯގަސްޓު 2026
163 ފަހަރު ބަލާފައި

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގެ މަސައްކަތް ނިންމައި، މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިޢުލާނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނާޒިމް މުޙައްމަދު ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޞައްޙަތޯ ބެލުމުގެ (ވެރިފިކޭޝަން) މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.

އަދި މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޑިސެމްބަރު މެދު ތެރެއަށް އިވެލުއޭޝަން އެއްކޮށް ނިންމާލެވޭނެކަމަށާއި ތާވަލު އޮތް ގޮތުން ޑިސެމްބަރުގެ ކުރީކޮޅު ނިންމާލެވިފައި (އިވެލުއޭޝަން) މެދު ތެރެއަށް ދާއިމީ ލިސްޓެއް އިއުލާނު ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މަޢުލޫމާތުތައް، އިވެލުއޭޝަން މަރުޙަލާގެ ތެރެއިން އެޕްލިކަންޓުންނާ މިނިސްޓްރީން ހިއްސާކުރަމުން ގެންދާނެ ކަމަށާއި، މި މަރުޙަލާގައި ބަލާނީ ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ކަމަށެވެ.

އަދި އެޕްލިކޭޝަން ފޯމުގައިވާ މަޢުލޫމާތުގައި އެއްވެސް ފުށުއެރުމެއް ފާހަގަކުރެވިއްޖެނަމަ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެކަން އެޕްލިކަންޓަށް އަންގާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ފޮނުވާ ނޯޓިހުގައިވާ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށްވާނަމަ، އެކަމުގެ ތަފްޞީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމަށްވެސް މިނިސްޓްރީން ވަނީ ނިންމަވާފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަނަށް އަންނަ ކޮންމެ ބަދަލެއް، ފޯމު ފުރުމުގައި ބޭނުންކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވާނެ ކަމަށާއި، ނަމަވެސް، މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ އެޕްލިކޭޝަނަކީ ޝަރުޠު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ