މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ އަގު ޝައިރުކުރާ ފަރާތްތަށް ބޮޑިއަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްއްސައްތާރު މުހައްމަދު މާލިއްޔަތު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު މާލިއްޔަތު ކޮމެޓީން ފާސްކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އިއްޔެގެ ޖަލްސާގައި ބިލު އަނބުރާ ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށެވެ.
،ބޭރު ފައިސާއާ ބެހޭ ބިލަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރުގެ ބަދަލުގައި އެ ރިސޯޓެއްގެ އާމްދަނީގެ 20 އިންސައްތަ ބޭރުފައިސާ ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަށް ހުށަހަޅާދފައިވާ އިސްލާހެކެވެ.
އެގޮތުން މާލިއްޔަތު ކޮމެޓީން މިއަދު ގެނައި އައު އިސްލާހުތަކަކީ:
1- ބޭރު ފައިސާ ގަނެ ވިއްކުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓުން ބޭރުން ނުވަތަ އެއަށް ވުރެ ބޮޑުކޮށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ފައިސާ ވިއްކުން ނުވަތަ ވިއްކަން އުޅުމަކީ ކުށެއް ކަމުގައި ކަނޑައެޅުން:
2- އެފަދަ ކުށެއް ކޮށްފިނަމަ ކުށުގެ އަދަބެއްގެ ގޮތުގައި ކުށުގެ ކުޑަ ބޮޑުމިނަށް ބަލާ، 25،000 ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން.
3- ބޭރު ފައިސާ ގަނެވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމަކީ ކުށެެއްގެ ގޮތުގައި ކަނޑައެޅުން.
މީގެ އިތުރުން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ ގޮތުގައި މާނަކޮށްފައިވަނީ އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ހިންގާ މުއާމަލާތުގެ ރެޓްތައް އިޝްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް އެ ފަދަ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
4- އެފަދައިން އެ މައުލޫމާތު ފަތުރާ ފަރާތްތަކުން ކުރާ ކުށެއްގެ އަދަބެއްގެ ގޮތުގައި 25،000 ރުފިޔާ އާއި 500،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ހިމަނައިފަ އެވެ.
4- އަދި އެފަދަ ކުށެއްކުރަނީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ އިސްލާހުތަކުގައި ހިމަނާފައި ވެއެވެ.
ރާއްޖޭގައި ބޭރު ފައިސާގެ ގޮތުގައި އާންމުކޮށް ގަނެ ވިއްކަނީ އެމެރިކާ ޑޮލަރެވެ. ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. ނަމަވެސް ކަޅުބާޒާރުގައި މިހާރު ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 22ރ. އިން މަތީގަ އެވެ.







