މާލެ: 31°C

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ

July 16, 2023
2 ފަހަރު ބަލާފައި
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ
މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ
މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ. ރާއްޖެއަށް މިއަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިޔާގެ ޗެކް ރިޕަބްލިކްގެ ރައްޔިތެއް ކަމަށްވާ ޑެނިއެލާ ކިލްނަރޯވާއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ޑެނިއެލާ ރާއްޖެ އަށް އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓަކުންނެވެ. މީޑިއާއަށް މައުލޫމާތު ދެމުން ޑެނިއެލާ ބުނީ، މިއީ އޭނާ ރާއްޖެ އަށް އައި ތިންވަނަ ފަހަރު ކަމަށާއި، ރާއްޖެ އަކީ ހިތްހަމަޖައްސާލަން އެންމެ ކަމުދާ މަންޒިލް ކަމަށެވެ. އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހަފްލާގައި އޭނާއަށް ވަނީ ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ. އަދި މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. މިއަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މި އަހަރު ރާއްޖެއިން 1.8 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ލަނޑުދަނޑި ކަނޑައަޅާފައިވާކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް ރިޔާސީ ކެމްޕޭން ޖަލްސާގައި ރޭ މ. މުލަކަށް ވަޑައިގެން ވަހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރުގެ ނަންބަރުތަކަށް ބަލާއިރު މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު، 14.3 އިންސައްތަ އަށް އަރާފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އިނގިރޭސި ވިލާތުންނެވެ. އެއީ 11.6 އިންސައްތައެވެ. އެގޮތުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ 2019 ގައެވެ. އެ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ