މާލެ: 31°C

ކްރޮއޭޝިއާ 3 ވަނަ، މޮރޯކޯ ތާރީހުގެ ތެރެއަށް

December 17, 2022
2 ފަހަރު ބަލާފައި
ކްރޮއޭޝިއާ 3 ވަނަ، މޮރޯކޯ ތާރީހުގެ ތެރެއަށް
ކްރޮއޭޝިއާ 3 ވަނަ، މޮރޯކޯ ތާރީހުގެ ތެރެއަށް
ފީފާ ވޯލްޑް ކަޕެއްގައި މިހާތަނަށް އެންމެ ރަނގަޅު ކާމިޔާބީ ހޯދި މޮރޯކޯ ބަލިކޮށް މުބާރާތުގެ ތިން ވަނަ ކްރޮއޭޝިއާ ހޯދައިފިއެވެ. ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދީ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މިފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކުރުވަނިވި ނަތީޖާތައް ނެރުނު މޮރޯކޯގެ މައްޗަށް 2 - 1 އިން ކުރި ހޯދައިގެންނެވެ. މިމެޗުގައި ފެނުނު ތިން ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރޮއޭޝިއާއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިމުބާރާތުގައި އެންމެ ގަދަޔަށް ވިދާލި އުމުރުން 20 އަހަރުގެ ޑިފެންޑަރު ގްވާޑިއޯލްއެވެ. މިމުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ގްވާޑިއޯލްގެ އަގު މިހާރު ވަނީ 100 މިލިއަން ޔޫރޯއަށްވުރެ މައްޗަށް އަރާފައެވެ. 7 ވަނަ މިނެޓުގައި ގްވާޑިއޯލް ކްރޮއޭޝިއާއަށް ލީޑް ނަގައިދިންނަމަވެސް އޭގެ 2 މިނެޓު ފަހުން މޮރޯކޯ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު އަޝްރަފް ދަރީއެވެ. މެޗުގައި ދެވަނަ ފަހަރަށް ކްރޮއޭޝިއާއަށް ލީޑް ނަގައިދީ މުބާރާތުގެ ތިންވަނަ ހޯދައިދިންލަނޑު ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިނީ މިސްލަވް އޮރްސިޗްއެވެ. މިއީ ކްރޮއޭޝިއާގެ ތަޖްރިބާކާރު މިޑްފިލްޑަރު ލުކާ މޮޑްރިޗްގެ ފަހު ވޯލްޑް ކަޕެވެ. އެހެންނަމަވެސް އޭނާ އަދިވެސް ޤައުމީ ޓީމާއެކު ކުޅޭނެކަމަށް ގަބޫލް ކުރެވޭއިރު އިތުރު ދެ އަހަރު ޓީމަށް ކުޅެދިނުމަށް މޮޑްރިޗް ކައިރިން ޓީމުގެ ކޯޗުވެސް ވަނީ އެދެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ