މާލެ: 31°C

އުރްފީ ބޮލީވުޑަށް ނިކުންނަނީތަ؟

March 14, 2024
2 ފަހަރު ބަލާފައި
އުރްފީ ބޮލީވުޑަށް ނިކުންނަނީތަ؟
އުރްފީ ބޮލީވުޑަށް ނިކުންނަނީތަ؟
ތަފާތު ގޮތްގޮތަށް ހެދުން އެޅުމުން މުޅި ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ އިންޑިއާގެ ސެލެބްރިޓީ އުރްފީ ޖާވިދް، ބޮލީވުޑަށް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޑައިރެކްޓަރު ދިބާކަރް ބެނަޖީ އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ލަވް، (ސެކްސް އޯރް ދޯކާ އެލްއެސްޑީ) 2" އިން އުރުފީ ތައާރަފުކުރާނެއެވެ. 2010 ގައި ގެނެސްދިން "ލަވް، ސެކްސް އޯރް ދޯކާ" ގެ ދެވަނަ ބައި ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ގައެވެ. މި ފިލްމުގެ މޯޝަން ޕޯސްޓަރެއް މިދިޔަ ހަފުތާގެ ތެރޭގައި އާންމުކޮށްފައިވާއިރު، މީގެ ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް "އެލްއެސްޑީ 2" ގެ ޓްރެއިލާ ނެރެން ވަނީ ހަމަޖެހިފައެވެ. އެގޮތުން، ސަޕޯޓަރުން އަންނަނީ އެ ފިލްމުން އުރްފީ ފެންނާނެތޯ ނޫންތޯ ކަށަވަރުކުރުމަށް އިންތިޒާރު ކުރަމުންނެވެ. އުރްފީ އަކީ ފެޝަން ކަމަށް ބުނެ ހެދުން އެޅުމުގައި އޭނާގެ އަމިއްލަ ގޮތްތަތެއް ގެންގުޅޭ ފަރާތެކެވެ. ނިވާ ނުވާ ފަދަ ހެދުން އަޅައި، މާ ސްޓައިލިޝް ކަމަށް ބުނެ އަޅާ ހެދުންތަކުން ގިނަ ފަހަރު މިހާ ހުންނަނީ ބަރަހަނާ ހާލުގައެވެ. އޭނާ ބުނެފައިވާ ގޮތުގައި ތަފާތު ގޮތްގޮތަކަށް ހެދުން އަޅަން މެދުވެރިވަނީ އެއްވެސް ކަހަލަ ފޮއްޗަކަށް ނުގުޅޭތީއެވެ. އޭނާގެ ތަފާތު ޑިޒައިންތައް އެކި ފަހަރު މަތިން އަންނަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ނަމަވެސް، ބައެއް އާންމުންނާއި މީޑިއާގެ ސަމާލުކަން އުރްފީ ވަނީ ހޯދައިފައެވެ. އޭނާ ވަނީ މިހާތަނަށް ބަޔަކު ހީވެސް ނުކުރާހާ ގޮތްގޮތަށް ފެޝަން ދައްކާލާފައެވެ. އުމުރުން 26 އަހަރުގެ އުރްފީއަށް ޓީވީ ސިލްސިލާތަކާއި ބައެއް ރިއަލިޓީ ޝޯތަކުގައި ވާދަކޮށްގެން ނުލިބުނު ސަމާލުކަން، އޭނާގެ އަމިއްލަ މަސައްކަތުން ތަފާތު ގޮތްގޮތަށް ހެދުން އެޅުމުން މިހާރު ވަނީ އެކަން ކާމިޔާބުވެފައެވެ. ބިގް ބޮސް 16 ގެ އިތުރުން އިންޑިއާގެ ޓީވީ ސިލްސިލާތައް ކަމަށްވާ "ބޭޕަނާ"، "ކަސޯޓީ ޒިންދަގީ ކޭ 2″ އަދި "އާއޭ މޭރޭ ހަމްސަފަރު" އިން ވެސް އުރްފީ ފެނިގެންގޮސްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ