ޔުވެންޓަސްގައި ރަނގަޅު ކާމިޔާބެއް ނުލިބުނު ނަމަވެސް، ރަނގަޅު ރައްޓެހިން ލިބިއްޖެ ކަމަށް އެކުލަބް ދޫކޮށްލި ޑިމާރިއާ ބުނެފިއެވެ.
ޔުވެންޓަސްގެ އިތުރުން ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބްތަކަކަށް ކުޅެފައިވާ އާޖެންޓީނާގެ ޑިމާރިއާ މިހެން ބުނީ ޔުވެންޓަސްއަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށް އިސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. ޑިމާރިއާ ބުނެފައިވަނީ ޔުވެންޓަސްއަށް ބޮޑެތި މުބާރާތްތަކުގެ ތަށި ކާމިޔާބު ނުކޮށްދެވުނީތީ ދެރަވި ނަމަވެސް، ކުލަބުން ރަނގަޅު ރައްޓެހިން ލިބުނު ކަމަށާއި ރައްޓެހިންނަށް ކާމިޔާބު ލިބުމަށް އަބަދުވެސް އެދޭނެ ކަމަށެވެ.
"އަހަރެންނާއެކު ޔުވެންޓަސްގައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނާއި ކޯޗުންނަށް ޝުކުރުއަދާކުރަން. ޔުވެންޓަސްގައި ރަނގަޅު ކާމިޔާބީތަކެއް ނުލިބުނުނަމަވެސް ޗޭންޖިން ރޫމުން ރަނގަޅު ރައްޓެހިން ލިބިއްޖެ، އަހަރެންނަށް އަބަދުވެސް މި ކުލަބު ސިފަކުރެވެނީ އަމިއްލަ ވަޒަން ކަމުގައި" ޑިމާރިއާ ބުންޏެވެ.
ފީފާ ވޯލްޑް އާޖެންޓީއާއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑި މާރިއާ ޔުވެންޓަސް ދޫކޮށްލުމުން އޭނާގެ ކުރީގެ ކުލަބު، ބެންފިކާ އިން ދަނީ އޭނާ އަނބުރާ އެ ޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
އުމުރުން 35 އަހަރުގެ ޑި މާރިއާ ޕީއެސްޖީ އިން ޔުވެންޓަސްއަށް ބަދަލުވީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި، ހިލޭ ޓްރާންސްފާއެއްގެ ގޮތުގައެވެ. އޭނާ ވަނީ ރިއަލްމެޑްރިޑް، ޕީއެސްޖީ، މެންޗެސްޓަރ ޔުނައިޑެޓް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅެފައެވެ،