މާލެ: 31°C

21 އަހަރުގެ ތަރި މުޑްރިކް ހޯދަން އާސެނަލްއިން 57 މިލިއަން ޕައުންޑްގެ ބިޑެއް

December 27, 2022
2 ފަހަރު ބަލާފައި
21 އަހަރުގެ ތަރި މުޑްރިކް ހޯދަން އާސެނަލްއިން 57 މިލިއަން ޕައުންޑްގެ ބިޑެއް
21 އަހަރުގެ ތަރި މުޑްރިކް ހޯދަން އާސެނަލްއިން 57 މިލިއަން ޕައުންޑްގެ ބިޑެއް
އާސެނަލްއިން ޔުކްރެއިންގެ ޒުވާންތަރި މިޚާއިލޯ މުޑްރިކް ހޯދުމަށް ފުރަތަމަ ބިޑް ހުށައަޅައިފިއެވެ. މިފަހުން ޔުކްރެއިންގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިއާގެ ގޮތުގައި ގިނަ ބަޔަކުދެކޭ މުޑްރިކް އަކީ މިހާރު ޔޫރަޕްގެ ބޮޑު ހުރިހާ ކްލަބަކުން ކަހަލަ ގޮތަކަށް ފާރަލަމުންދާ ކުޅުންތެރިއެކެވެ. ޝަކްތަރ ޑޮނެސްކަށް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި 3 ލަނޑު ޖަހައިދީ މުޅި ޔޫރަޕްގެ ސަމާލުކަން ހޯދި މުޑްރިކް ވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު މެޗުތަކުގައި 10 ލަނޑު ޖަހާފައެވެ. މުޑްރިކްގެ އަގަކީ 100 މިލިއަން ޔޫރޯ އާއި ގާތްކުރާ އަގެއް ކަމަށް މީގެކުރިން އޭނާގެ ކްލަބް ޝަކްތަރ ޑޮނެސްކުން ބުނެފައިވާއިރު އާސެނަލްއިން މުޑްރިކްއަށް ބިޑް ކޮށްފައިވަނީ 57 މިލިއަން ޕައުންޑަށެވެ. މި ބިޑް ޝަކްތަރ އިން އަދި ގަބޫލްއެއް ނުކުރެވެ. އެހެންނަމަވެސް އާސެނަލްއިން މުޑްރިކް އާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. އެއީ މުޑްރިކް މިހާރު ހުރީ ޔޫރަޕްގެ ބޮޑު ކްލަބަކަށް ބަދަލުވާން ބޭނުންވެފައިކަމުންނާއި އެންމެ ފަހުން އާސެނަލް އާއި ވެސްޓް ހެމް ބައްދަލުކުރި މެޗު ބަލާ އާސެނަލްއަށް ދާން ބޭނުންވެފައިވާކަން މުޑްރިކް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އުމުރުން 21 އަހަރުގެ މުޑްރިކް ހޯދުމުގެ މަސައްކަތް އާސެނަލް އިން ފަށާފައި މިވަނީ ސްކޮޑް އިތުރަށް ވަރުގަދަކޮށް ވާދަވެރި ޓީމެއް ބިނާކުރުމަށް އާޓެޓާ ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މިހާރު ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ކުރީގައި އޮތް އާސެނަލްއި ލީގު ކާމިޔާބުކޮށް އެހެންމުބާރާތަކުގެވެސް ތައްޓަށް ވާދަކުރެވޭ ވަރުގެ ޓީމެއް ބިނާކުރުމަށް އަދިވެސް އިތުރު ކުޅުންތެރިން ޓީމަށް ގެންނަން ޖެހޭކަން ކޯޗު އާޓެޓާ ވަނީ ކުރިންވެސް ފާހަގަކޮށްފައެވެ. އަދި ޓީމުގެ އޯނަރުވެސް ވަނީ ކްލަބަށް އިތުރު ކުޅުންތެރިން ހޯދަން ހަރަދުކުރަން ތައްޔާރަށް ހުރިކަން މީގެކުރިން ހާމަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ