މާލެ: 31°C

އާޖެންޓީނާ ޗެމްޕިއަންކަން ހޯދި އިރު މޮޅު ކުޅުންތެރިއާ މެސީއަށް

December 19, 2022
2 ފަހަރު ބަލާފައި
އާޖެންޓީނާ ޗެމްޕިއަންކަން ހޯދި އިރު މޮޅު ކުޅުންތެރިއާ މެސީއަށް
އާޖެންޓީނާ ޗެމްޕިއަންކަން ހޯދި އިރު މޮޅު ކުޅުންތެރިއާ މެސީއަށް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފޯރިގަދަ އެއް ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް އާޖެންޓީނާ ޗެމްޕިއަންކަން ހޯދައިފިއެވެ. 3 - 3 އެއްވަރުވެ ޕެނަލްޓީގައި ނަތީޖާ ޖެހެން ޖެހުނު މިމެޗުން އާޖެންޓީނާ ކުރި ހޯދީ ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ސޭވްއަކާއެކުއެވެ. މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާއިން ދެ ލަނޑު ޖަހާ ކުރި ހޯދީ މެސީ އާއި ޑި މާރިއާގެ ލަނޑުތަކުންނެވެ. ދެވަނަ ހާފްގައި ގިނަ ބަދަލުތަކެއް ކުރި ފްރާންސް އިން ނަތީނާ ހަމަ ހަމަ ކުރީ 2 މިނެޓުގެ ތެރޭގައި އެމްބާއްޕޭ ކާމިޔާބުކޮށްދިން ދެ ލަނޑުނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 2 - 2 ދެ ޓީމް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅެންޖެހުނެވެ. އިތުރު ވަގުތުގެ ދެވަނަ ހާފްގައި މެސީ އިތުރު ލަނޑެއް ޖަހާ އާޖެންޓީނާއަށް މުބާރާތުގެ ޗެމްޕިއަންކަމާ ދިމާލައް ގެންދިޔައެވެ. އަދި މި ލަނޑާއެކު މެސީ ވެގެންދިޔައީ ފީފާ ވޯލްޑް ކަޕެއްގައި އާޖެންޓީނާއަށް ޖަހައިދިން 12 ވަނަ ލަނޑަށެވެ. އަދި މިފަހަރުގެ މުބާރާތުގެ މެސީގެ 7 ވަނަ ލަނޑާއެކު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ ޝަރަފުވެސް މެސީއަށް ލިބޭނެ ކަމަށް ބެލެވުނެވެ. މިހުރިހާ ކަމަކަށް ހުއްޓުން ގެނުވީ ފައިނަލް މެޗެއްގައި ފުރަތަމަ ފަހަރަށް ހެޓްރިކް ފުރިހަމަ ކުރި ކުޅުންތެރިއާގެ ޝަރަފާއެކު އެމްބާޕޭ އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުގައި ޖަހައިދިން ލަނޑުންނެވެ. އަދި އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓު ރޭހުގެ އެންމެ ކުރިއަށް އެމްބާއްޕޭ ޖެހިލިއެވެ. 3 - 3 މެޗު އެއްވަރުވެ ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދީ ފްރާންސްގެ ކިންގްސްލީ ކޯމަންގެ ޕެނަލްޓީ އާއި ޗުއަމޭނީގެ ޕެނަލްޓީ ކާމިޔާބުނުކުރެވުމުންނެވެ. އާޖެންޓީނާއިން ވަނީ އެޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބުކޮށްފައެވެ. މެސީގެ ކެރިއަރުގައި މިހާތަނަށް ނުލިބިއޮތް ހަމައެކަނި ތަށި އާޖެންޓީނާއަށް ހޯދައިދިންއިރު ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ މެސީއެވެ. އެމްބާއްޕޭ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާއަށްދޭ ރަން ބޫޓު ހޯދި އިރު މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމް ހޯދީ އާޖެންޓީނާގެ ޒުވާން މިޑްފިލްޑަރ އެންޒޯ ފެނާންޑޭޒްއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ