މާލެ: 31°C

މާޓިނޭޒްގެ ސޭވްތަކާއެކު މެސީ ސެމީފައިނަލަށް

December 10, 2022
2 ފަހަރު ބަލާފައި
މާޓިނޭޒްގެ ސޭވްތަކާއެކު މެސީ ސެމީފައިނަލަށް
މާޓިނޭޒްގެ ސޭވްތަކާއެކު މެސީ ސެމީފައިނަލަށް
ފަހުވަގުތު ނެދަލޭންޑްސް މެޗު އެއްވަރުކުރިނަމަވެސް ޕެނަލްޓީގައި ކުރި ހޯދައިގެން އާޖެންޓީނާ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ ދޭއް ދޭކުން ދެ ޓީމް އެއްވަރުވެފައެވެ. މެޗުގައި ފުރަތަމަ ދެލަނޑުވެސް ޖެހީ އާޖެންޓީނާއިންނެވެ. ފުރަތަމަ ލަނޑު މެސީގެ ޕާހަކުން މޮލީނާ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ނެދަލޭންޑްސްއިން އެޓީމްގެ ފުރަތަމަ ލަނޑު މެޗުގެ 83 ތިންވަނަ މިނެޓުގައި ޖެހި އިރު މެޗުގައި ނަތީޖާ ހަމަ ހަމަކުރި ނެދަލޭންޑްސްއިން ޖެހީ ލަނޑު ނުވަދިހަ މިނެޓް ހަމަވެ ދެއްކި އިތުރު ވަގުތުގެވެސް އެންމެ ފަހު މިނެޓުގައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ބާންލޭއަށް ކުޅޭ ފޯވާޑް ވެގަހާސްޓްއެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަ ހަމަވުމުން އިތުރު ވަގުތުގެ ދެހާފް ކުޅެވެސް ވަކި ކޮޅަކަށް މެޗު ނޭބުރުމުން މޮޅުވާ ޓީމެއް ކަނޑައެޅީ ޕެނަލްޓީއިންނެވެ. ޕެނަލްޓީގައި ތަފާތު ދެއްކީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ. މާޓިނޭޒް ވަނީ ނެދަލޭންޑްސްގެ ފުރަތަމަ ދެ ޕެނަލްޓީވެސް މަތަކޮށްފައެވެ. މިމޮޅާއެކު އާޖެންޓީނާ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ޖާގަ ހޯދިއިރު ސެމީފައިނަލްގައި އާޖެންޓީނާ ނިކުންނާނީ އެންމެ ފަހުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ އާއިދެކޮޅަށެވެ. އާޖެންޓީނާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅެފައިވާ ޓީމެކެވެ. އަދި މުބާރާތުގެ ސެމީފައިނަލް މެޗަކުން އާޖެންޓީނާ މިހާތަނަށް ބަލިވެފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ