މާލެ: 31°C

އޭޝިއާ ފުޓްބޯޅައިގެ ފެންވަރު ދުނިޔެއަށް ދައްކާލައިފި

November 23, 2022
2 ފަހަރު ބަލާފައި
އޭޝިއާ ފުޓްބޯޅައިގެ ފެންވަރު ދުނިޔެއަށް ދައްކާލައިފި
އޭޝިއާ ފުޓްބޯޅައިގެ ފެންވަރު ދުނިޔެއަށް ދައްކާލައިފި
މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އޭޝިއާގެ ދެޓީމުތަކުން ދުނިޔޭގެ ވަރުގަދަ ދެ ބާރުގެ ގޮތުގައި ފާހަގަކޮށްލެވޭ އާޖެންޓީނާ އާއި ޖަރުމަންގެ މައްޗަށް ކުރިހޯދުމަކީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ބައެއް ހައިރާންކުރުވި ނަތީޖާއެވެ. މުބާރާތުގެ ތިން ވަނަ ދުވަހު އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާ ކުރިހޯދުން ވެގެންދިޔައީ ސައުދީ އަރަބިއްޔާގެ ކުޅިވަރު ތާރީހުގައިވެސް ފާހަގަކޮށްލެވުނު ބޮޑު ދުވަހަކަށެވެ. އަދި މިއާއެކު ޖެހިގެން އައި ދުވަސް އެޤައުމުން ރަސްމީ ބަންދުދުވަހެއްގެ ގޮތުގައިވެސް ވަނީ ހަދާފައެވެ. މިފަހަކަށް އައިސް ވޯލްޑް ކަޕްގައި ބަރާބަރަށް ވާދަކުރަމުން އައިނަމަވެސް ސައުދީ އަރަބިއްޔާއަށް މިމުބާރާތުގައި މާބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދޭއް އެކަކުން އާޖެންޓީނާ ބަލިކުރުން ވެގެން ދިޔައީ ސައުދީ އަރަބިއްޔާގެ ސަޕޯޓަރުންގެ އިތުރުން މުޅި ދުނިޔެވެސް ސިއްސުވާލި ނަތީޖާއަކަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކާމިޔާބުކުރާނެކަމަށް ގިނަ ބަޔަކު ދެކޭ އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާ ކުރި ހޯދިތާ 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމު އަދި ފޭވަރިޓުންގެ ލިސްޓުގައިވެސް ހިމެނޭ ޖަރުމަންގެ މައްޗަށް ޖަޕާނުން ކުރި ހޯދާނެކަމަށް ބަގޫލްކުރާނެ ފުޓްބޯޅަ ސަޕޯޓަރުން ގައިމުވެސް ގިނައެއް ނުވާނެއެވެ. އޭޝިއާ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ޖަޕާން ހިމެނުނުނަމަވެސް ދުނިޔޭގެ ނިސްބަތުން ޖަޕާން އަކީ ވަރުގަދަ ބާރެއްގެ ގިތުގައި ގިނައެއް ނުލެވޭނެއެވެ. އެހެންކަމުން ޖަރުމަން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހާ ޖަރުމަން ބަލިކޮށް ޖަޕާންއިން މިހޯދި ކާމިޔާބީއަކީވެސް ގިނަބައެއްގެ ސަމާލުކަން ހޯދި ނަތީޖާއެކެވެ. މިފަހަރުގެ ވޯލްޑް ކަޕް އަކީ ތަފާތު ގިނަ ކަންތައްތަކެއް ހިމެނޭ މުބާރާތެކެވެ. މިގޮތުން މިފަހަރުގެ މުބާރާތަކީ އަލަށް ނޮވެމްބަރު ޑިސެމްބަރުގައި ކުޅެވޭ މުބާރާތެވެ. އަދި އަރިބި ޤައުމެއްގައި ކުޅެވޭ ފުރަތަމަ މުބާރާތައް ވުމުގެ އިތުރުން މިއީ އާ ޓެކްނޮލޮޖީތަކެއްވެސް ތައާރަފްކޮށްފައިވާ މުބާރާތެކެވެ. އެހެންނަމަވެސް މިފަހަރުގެ މުބާރާތް ފެށިގެން މިދިޔައީ އޭޝިއާ ފުޓްބޯޅައިގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާލައިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ