މާލެ: 31°C

ރޮނާލްޑޯއަކީ ލާމަސީލް މިސާލެއް: މާޓިނޭޒް

June 23, 2024
2 ފަހަރު ބަލާފައި
ރޮނާލްޑޯއަކީ ލާމަސީލް މިސާލެއް: މާޓިނޭޒް
ރޮނާލްޑޯއަކީ ލާމަސީލް މިސާލެއް: މާޓިނޭޒް
ޔޫރޯ 2024 ގެ ގްރޫޕް އެފް ގައި ރޭ ތުރުކީ އަތުން 0-3 އިން މޮޅުވި މެޗުގައި ޕޯޗިގަލް ޓީމުގެ ތަރި އަދި ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ދައްކައިދިނީ ފުރިހަމަ މިސާލެއް ކަމަށް ޓީމުގެ ކޯޗު މާޓިނޭޒް ބުނެފިއެވެ. މިކަން ދުނިޔޭގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުންނާއި ކޮމަންޓަރޭޓަރުންނާއި ތަޖުރިބާކާރުންގެ އިތުރުން ރެފްރީންވެސް ގެންދަނީ ފާހަގަ ކުރަމުންނެވެ. އެ އެންމެންވެސް ބުނެފައި ވަނީ ރޮނާލްޑޯއަކީ އަމިއްލަ އެދުމެއް ނެތް ޕްރޮފެޝަލް ކުޅުންތެރިއެއްކަން ދުނިޔެއަށް ދައްކުވައިދީފި ކަމަށެވެ. ކޯޗް މާޓިނޭޒް ބުނީ، ގޯލްކީޕަރު ކުރިމަތީގައި ހުރެ ރޮނާލްޑޯ ވަނީ އެ ޓީމުގެ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް އަށް އެ ބޯޅަ ޖައްސާލައި، އޭނާ އަށް ލަނޑުޖަހަން މަގުފަހިކޮށްދީފައި ކަމަށެވެ. މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށާއި، އެންމެ މުހިއްމީ ޓީމުކަން ރޮނާލްޑޯ މިވަނީ ސާބިތުކޮށްދީފަ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. މާޓިނޭޒް ވަނީ، ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު ލެވެލްގައި އޭނާގެ ޓީމުން ކުޅެފައިވާ ކަމަށާއި، މި ފަހަރު ތަފާތަކަށްވެގެންދިޔައީ ކުރިން ސްކޯ ކުރެވުން ކަމަށް ބުނެފައެވެ. ތުރުކީ އިން ވެސް ރަނގަޅަށް ފެށި ނަމަވެސް، އޭނާގެ ޓީމުން އެކަން ރަނގަޅަށް ހަމައަކަށް އެޅުވުމަށްފަހު ލަނޑުޖަހައި، މެޗުގެ ކޮންޓްރޯލް ފުރަތަމަ ހާފުގައި ހޯދި ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. ތުރުކީއާ ދެކޮޅަށް ކުޅެން ފަސޭހަނުވި ކަމަށާއި، ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި އެ ޓީމުގެ ކުޅުން ހުއްޓުވުނު ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. އަދި، މެޗުގައި ކުޅެމުންދިޔަ ހައި ޓެމްޕޯގެ ސަބަބުން އޭނާގެ ޓީމަށް އެހީވި ކަމަށާއި، އެންމެ ރަނގަޅަށް ފޯކަސްކޮށް ދިފާއީ ކުޅުމަށް ސަމާލުކަން ދެވުނު ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ. އަދި އޭނާގެ ޓީމުން ބައިކޮޅަށް ލަނޑެއްވަނަނުދީ މެޗު ނިންމާލެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. މާޓިނޭޒް ބުނީ، މި ނަތީޖާއާއެކު އޭނާގެ ޓީމަށް ކުރިއަށް އޮތް މެޗުގައި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އެގޮތުން، ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ކުޅުމުގެ ފުރުޞަތު އެކަށީގެންވާ ވަރަށް ނުލިބޭ ކުޅުންތެރިންގެ ބޭނުންހިފާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމެ، ދެން އޮތީ ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗެވެ. ކޮންމެ ގްރޫޕެއްގެ ވެސް ފަހު ދެ މެޗު ކުޅޭނީ އެއް ވަގުތެއްގައެވެ. އެއީ އެއް މެޗުގެ ނަތީޖާއިން އަނެއް މެޗު ދޫކޮށްލުމުގެ ފުރުޞަތު ނުދިނުމަށްޓަކައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗާ ކުރިމަތިލާ އިރު 24 ޓީމް ވާދަކުރާ މުބާރާތުގެ ގަދަ 16 ޓީމްގެ ތެރެއިން ޖާގަ ޔަގީން ކޮށްފައިވަނީ 3 ޓީމެވެ. އަދި މުބާރާތުން ކަޓާފައިވަނީ އެއް ޓީމެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ގަދަ 16 ޓީމްގެ ތެރެއިން ޖާގަ ހޯދުމުގެ ފުރުޞަތު 20 ޓީމަކަށް އެބައޮތެވެ. ދެވަނަ ބުރު ޔަގީން ކޮށްފައި ވަނީ ޖަރުމަނާއި، ސްޕެއިން އާއި ޕޯޗްގަލް އެވެ. ކަޓާފައި ވަނީ ޕޮލެންޑެވެ. ގްރޫޕް އޭ: - ގްރޫޕް އޭ އިން ޖަރުމަނު ވަނީ ދެވަނަ ބުރު ޔަގީން ކޮށްފައެވެ. ދެވަނަ ބުރުން ޖާގަ ޔަގީންކުރި ފުރަތަމަ ޓީމަކީވެސް މުބާރާތް ބާއްވާ ގައުމު ޖަރުމަނެވެ. ފަހު މެޗުގައި ސިވިޒަރލެންޑް އަތުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ ޖަރުމަނަށް ގްރޫޕްގެ އެއްވަނަ ކަށަވަރުވާނެ އެވެ. - ފަހު މެޗުގައި ޖަރުމަނު އަތުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ ސްވިޒަރލެންޑަށް ދެވަނަ ބުރު ޔަގީން ކުރެވޭނެ އެވެ. ސްކޮޓްލެންޑަށް ހަންގޭރީ ބަލިނުކުރެއްވިއްޖެ ނަމަވެސް ސްވިޒަރލެންޑް ކޮލިފައިވާނެ އެވެ. އަދި ޖަރުމަނު ބަލިކޮށްފި ނަމަ ސްވިޒަރލެންޑަށް ގްރޫޕްގެ އެއްވަނަ ހޯދޭނެ އެވެ. - ސްކޮޓްލެންޑަށް ފުރުޞަތު އޮތީ ހަންގޭރީ ބަލިކޮށް، ޖަރުމަނު އަތުން ސްވިޒަރލެންޑް ބަލިވެގެންނެވެ. އަދި ގޯލްގެ ފަރަގުވެސް ނައްތާލެވިގެންނެވެ. ހަންގޭރީއަށް ފުރުޞަތު އޮތީ ސްކޮޓްލެންޑް ބަލިކޮށްގެންނެވެ. އެހާލަތުގައިވެސް ފުރުޞަތު އޮންނާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމްތަކުގެ ތެރެއިން ޖާގައެއް ހޯދުމުގެ ފުރުޞަތެވެ.

ގްރޫޕް ބީ: - މިގްރޫޕުން ދެ މެޗުންވެސް މޮޅުވެ، ސްޕެއިން ވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފައެވެ. - ގްރޮއޭޝިޔާ އަތުން ބަލިނުވެ ފަރުޖައްސާލެއްވިއްޖެ ނަމަ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި އިޓަލީ އަށް ނޮކުއައުޓް ބުރަށް ދަތުރުކުރެވޭނެ އެވެ. ކްރޮއޭޝިޔާ އަތުން ބަލިވެ، އަލްބޭނިޔާއިން ސްޕެއިން ބަލިކޮށްފި ނަމަ އިޓަލީ ކަޓާނެ އެވެ. - ސްޕެއިން ބަލިކުރެވިއްޖެ ނަމަ އަލްބޭނިޔާ އަށް ގްރޫޕްގެ ދެވަނަ ލިބޭނެ އެވެ. އެކަމަކު އެއީ ކްރޮއޭޝިޔާ އަތުން އިޓަލީވެސް ބަލިވެގެންނެވެ. ސްޕެެއިން އަތުން ބަލިވެ، ކްރޮއޭޝިޔާ މޮޅުވެއްޖެ ނަމަ އަލްބޭނިޔާ ކަޓާނެ އެވެ. - ގްރޫޕްގެ ދެވަނަ ހޯދަން ކްރޮއޭޝިޔާ އަށް އޮތް ފުރުޞަތަކީ އިޓަލީ ބަލުކުރުމެވެ. އަދި ސްޕެއިން އަތުން އަލްބޭނިޔާ އަށް މޮޅު ނުވެވުމެވެ. އިޓަލީއާ އެއްވަރުވެ، އަލްބޭނިޔާ ބަލިނުވެއްޖެ ނަމަ ކްރޮއޭޝިޔާ ކަޓާނެ އެވެ.

ގްރޫޕް ސީ: - ސްލޮވީނިޔާ އަތުން ބަލިނުވެއްޖެ ނަމަ އިންގްލެންޑަށް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ. އަދި ޑެންމާކަށް ސާބިއާ ބަލިނުކުރެއްވިއްޖެ ނަމަވެސް އިންގްލެންޑް ދެވަނަ ބުރަށް ދަތުރުކުރާނެ އެެވެ. ސްލޮވީނިޔާ ބަލިކޮށްގެން އިންގްލެންޑަށް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ. ސްލޮވީނިޔާ އާ އެއްވަރުވި ނަމަވެސް، ޑެންމާކަށް މޮޅު ނުވެވިއްޖެ ނަމަ އެއްވަނަ ލިބޭނީ އިންގްލެންޑަށެވެ. ގްރޫޕްގެ ތިންވަނަ އަށްވުރެ ފަހަތަށް އިންގްލެންޑް ސޮއްސާލާނެ ގޮތެއް ނެތެވެ. - ސާބިޔާ ބަލިކޮށްގެން ޑެންމާކަށް ދެވަނަ ބުރު ޔަގީން ކުރެވޭނެ އެވެ. ޑެންމާކާއި ސްލޮވީނިޔާވެސް އެެއްވަރުވެއްޖެ ނަމަ ގްރޫޕްގެ ދެވަނަ އާއި ތިންވަނަ ކަނޑައަޅަން ޖެހޭނީ ގޯލްގެ ތަފާތުންނެވެ. ޑެންމާކް ކަޓާނީ ފަހު މެޗުން އެމީހުން ބަލިވެ، ސްލޮވީނިޔާ ބަލިނުވެއްޖެ ނަމައެވެ. - އިންގްލެންޑް ބަލިކޮށްގެން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ސްލޮވީނިޔާއަށް އެބައޮތެވެ. އެކަމަކު އެއީ ޑެންމާކަށް މޮޅުނުވެވިއްޖެ ނަމައެވެ. އިންގްލެންޑް ބަލިކޮށްފި ނަމަ ސްލޮވީނިޔާއަށް ގަދަ 16 ޔަގީން ވާނެއެވެ. ޑެންމާކާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ ހާލަތެއްގައި ގޯލްގެ ތަފާތުން ކެޓުމުގެ ބިރުވެސް ސްލޮވީނިޔާއަށް އެބައޮތެވެ. - ސާބިޔާއަށް ފުރުޞަތު އޮތީ ޑެންމާކް ބަލިކޮށްގެންނެވެ. ހަމައެއާއެކު އިންގްލެންޑް އަތުން ސްލޮވީނިޔާއަށް މޮޅުނުވެވިއްޖެ ނަމައެވެ. ޑެންމާކުން އަތުން ބަލިވެ، ނުވަތަ އެއްވަރުވި ނަމަވެސް ސްލޮވީނިޔާ ބަލިނުވެ ފަރުޖައްސާލައިފި ނަމަ ކަޓާނީ ސާބިޔާ އެވެ. ގްރޫޕް ޑީ: - އޮސްޓްރިއާ އަތުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ ނެދަލެންޑްސް އަށް ގަދަ 16 ޔަގީން ވާނެއެވެ. ގްރޫޕްގެ އެއްވަނަ ނެދަލެންޑްސް އަށް ލިބެން އޮތީ މޮޅުވުމާ އެކު، ފްރާންސަށް ޕޮލެންޑް ބަލިނުކުރެއްވިއްޖެ ނަމައެވެ. ނެދަލެންޑްސްގެ ފަހު މެޗު އެއްވަރުވި ނަމަވެސް ޕޮލެންޑް އަތުން ފްރާންސް ބަލިވެއްޖެ ނަމަ އެެއްވަނަ ލިބޭނީ ނެދަލެންޑްސް އަށެވެ. - ބަލިނުވެ ފަރުޖައްސާލައިފި ނަމަ ގްރޫޕްގެ އެއްވަނަ ފްރާންސަށް ލިބޭނެއެވެ. ފްރާންސާއި ނެދަލެންޑްސްގެ ޕޮއިންޓް އެއްވަރުވެއްޖެ ނަމަ ތަރުތީބު ކަނޑައަޅާނީ ގޯލްގެ ތަފާތުންނެވެ. - ނެދަލެންޑްސް ބަލިކޮށްގެން އޮސްޓްރިއާ އަށްވެސް ގްރޫޕްގެ ދެވަނަ ހޯދޭނެއެވެ. ގްރޫޕްގެ އެއްވަނަ ހޯދަން އޮސްޓްރިއާ އަށް އޮތް ފުރުޞަތަކީ ފަހު މެޗުން މޮޅުވުމާއެކު ޕޮލެންޑް އަތުން ފްރާންސް ބަލިވުމެވެ. - ޕޮލެންޑަކީ ގްރޫޕްގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ކަޓާފައި އޮތް ހަމައެކަނި ޓީމެވެ. ޕޮލެންޑަށް އެއްވެސް ފުރުޞަތެއް ނެތެވެ.

ގްރޫޕް އީ: - ޔޫރޯގެ ތާރީޚުގައިވެސް ގްރޫޕްގެ ފަހު މެޗާ ކުރިމަތިލާއިރު ޕޮއިންޓް ހަމަހަމަވެފައި އޮތް ގްރޫޕަކީ މިއީ އެވެ. ރޮމޭނިޔާއާއި، ބެލްޖިއަމް އާއި، ސްލޮވާކިޔާ އާއި، ޔުކްރެއިން ވެސް އޮތީ 3 ޕޮއިންޓްގައެވެ. އެެހެންކަމުން ފަހު ދެމެޗުގެ ނަތީޖާއިން މިއޮން ކޮންމެ ޓީމަކަށްވެސް އެެއްވަނަ ނުވަތަ ދެވަނަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ. މިއިން ކޮންމެ ޓީމެއްވެސް ދެވަނަ ބުރަށް ދަތުރުކޮށްފާނެ އެވެ. އަދި މިއޮން ކޮންމެ ޓީމަކަށްވެސް ކެޓުމުގެ ބިރުވެސް އެބައޮތެވެ.

ގްރޫޕް އެފް: - ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޕޯޗްގަލް އޮތީ ދެވަނަ ބުރުގައެވެ. - ޗެކްރިޕަބްލިކް އަތުން ބަލިނުވެ ފަރުޖައްސާލައިގެން ތުރުކީ އަށް ގްރޫޕްގެ ދެވަނަ ޔަގީން ކުރެވޭނެ އެވެ. - ޗެކްރިޕަބްލިކަށް ފުރުޞަތު އޮތީ ތުރުކީ ބަލިކޮށްގެންނެވެ. ފަހަރުގައި އެއްވަރު ކޮށްލައިގެންވެސް ދެވަނަ ބުރަށް ދެވިދާނެ އެވެ. އެކަމަކު ބަލިވެއްޖެ ނަމަ ފުރުޞަތެއް ނެތެވެ. - ޕޯޗްގަލް ބަލިކޮށްގެން ދެވަނަ ބުރުގެ ފުރުޞަތު ޖޯޖިއާ އަށް ވެސް އެބައޮތެވެ. އެކަމަކު އެއީ ޗެކްރިޕަބްލިކުން ތުރުކީ ބަލިކޮށްގެންނެވެ. އެހާލަތުގައި ގޯލްގެ ތަފާތަށްވެސް ބަލަށް ޖެހޭނެއެވެ. ބަލިވެއްޖެ ނަމަ ޖޯޖިއާ އަށް އޮތީ އެނބުރި ގައުމަށް ދިއުމެވެ. އެއްވަރުވި ނަމަވެސް ތުރުކީ އަށް ޗެކްރިޕަބްލިކް ބަލިނުކުރެވިއްޖެ ނަމަ ކަޓާނީ ޖޯޖިޔާ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ